ސިޔާސީ ގޮތުން މީހެއްގެ ގައިގައި ހިފުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންޅެއް ނޫން ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯޓްކްސްޕާސަން، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ސަރުކާރުން ކޮރަޕްޝަންގެ އެކި އެކި ކަންކަން ހިންގާފައިވާކަމަށް އިދާރާތަކުން ހާމަކޮށްފައިވާ ކަމަށާއި އެކަމުގެ މައްސަލަ މި ސަރުކާރުން ބަލާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ހީނާ ވިދާޅުވީ، ސިޔާސީ ގޮތުން އެއްވެސް މީހެއްގެ ގައިގައި ހިފާކަށް ރައީސް މުއިއްޒުގެ ވިސްނުންފުޅެއް ނެތް ކަމަށެވެ.

ހީނާ ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަކަކީ އެއީ ކަމާއި ގުޅުން ހުރި މުއައްސަސާތަކުން ބަލަން ޖެހޭ މައްސަލަތައް ކަމަށާއި އެފަދަ ކަމެއް ކޮންމެ މީހަކު ކުރި ނަމަވެސް ބަލަން ޖެހޭ މުއައްސަސާތަކުން އެކަން ބަލާނެ ކަމަށެވެ.

"ކޮރަޕްޝަންގެ މައްސަލަތަކަކީ އެއީ ކަމާއި ގުޅުން ހުރި މުއައްސަސާތަކުން ބަލަން ޖެހޭ މައްސަލަތަކެއް. ކަމަށާއި ކޮރަޕްޝަންގެ މައްސަލަތަކެއް ހިންގާފަ ހުރި ކަމަށް ވެއްޖެއްޔާ ނުވަތަ އެކަހަލަ ކަންތައްތަކެއް ހުރި ކަމަށްވާނަމަ އެކަމާއި ގުޅޭ މުއައްސަސާތަކުން އެކަންކަން ބަލަމުން ގެންދާނެ. އެއީ ކޮންމެ ބޭފުޅަކު ހިންގާފަވާ ކޮރަޕްޝަނެއް ކަމުގައި ވިއަސް." ހީނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ސިޔާސީ ގޮތުން އެއްވެސް ބޭފުޅެއްގެ ގައިގަ ހިފުމަކީ މިސަރުކާރުގެ ނިޔަތެއް އަދި ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބައެއް ކޮރަޕްޝަންގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ވެންޓިލޭޓަރުތަކަށް ހިޔާނަތްތެރިވި މައްސަލަ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކޮރަޕްޝަންގެ މައްސަލައެެއް ވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒުލޭޚާ

    އިބޫ 5 އަހަރުގެ ވައްކަން ތައް ބަލަންވާނެ.... ހާދަ ގިނަ ބަޔަކު ރައްޖޭގައި ދައުލަތުން ވައްކަން ކޮށްގެން މުއްސަދި ވެފަ އެބަހުއްޓޭ .....ގިނަ ވިޔަފާރިވެރިން ވިޔަފާރި ފެށީ ވައްކަން ކޮށްގެން ހޯދި ފައިސާއިން ،

    ދުނިޔެމަތީގައި ހިތްދަތި ބިރުވެރި ކަން ކަން ފެންނަން ފެށީމަ ، އަސްލުވިސްނެނީ ފައިސާ ހޯދި ގޮތެއް.

    ޤިޔާމަތް ދުވަހުން ބޮޑު ސުވާލުކުރާނެ މުދާ ހޯދި ގޮތާބެހޭ ގޮތުން.... އަޒާބުގެ ދެއްވާނެ ކަން ކަށަވަރު

  2. ސިޔާސީ

    ސިޔާސީ ގޮތުން މީހެއްގެ ގައިގަ ހިފާނެ ކަމެއްނެތް ނިމިދިޔަ ސަރުކާރުން މުޅި ޤައުމު ލޫޓުވާލައި ކޮވިޑޭކިޔައިޔިތުން ގޭބަންދުކޮޑް ބޭރުން އެހީގެ ގޮތުގައި ލިބުނުހާތަކެއްޗާއި ލިބުނުހާ ފައިސާއެއް ދައުލަތުގެ ތިޖޫރި ކަހާލައިގެން ލޯނުނަގަމުން ނަގަމުން ގޮސް މުޅި ޤައުމާ ރައްޔިތުން ދަރުވާލީމަ ރައްޔިތުން ވެރިކަން ބަދަލުކުރީމަ ދެން ވެރިކަމަށް އަންނަ ބަޔަކުވެސް ރައްޔިތުންގެ ޙައްޤުތައް ހޯދައި ދިނުމުގެ ބަދަލުގައި ސިޔާސީ ގޮތުން މީހަކުފަހަތުން ނުދުވާނަމޭ ކިޔާފަ ބައިމީހުނަށް ޤައުމު ބަހާލީމާ ހުންނާނީ އިންސާފުވެރި ވެރިކަމެއްކޮށްދެވިފަ