އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާހެ ދަށުން ހިންގާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ހިންގުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް ތަނެއް ހޯދަން އިއުލާންކޮށްފިއެވެ.

އެމްއައިއެފްއެސްއޭ އަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު މި އަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ.

އެ އިދާރާގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ އައްޔަން ކުރައްވާފައެވެ.

އިޤުތިޞާދީ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އޮތޯރިޓީއަށް 700 އަކަފޫޓާއި 1000 އަކަފޫޓުގެ ދެމެދުގެ ޖާގައިގެ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވާ ކަަމަށެވެ.

މިކަމާއި ގުޅޭ އަންދާސީ ހިސާބު ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ 20 މެއިގެ މެންދުރު 12ގެ ކުރިން ވެލާނާގެ 11 ވަނަ ފަންގިފިލާއަށެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ތައާރަފްކުރުމަކީ ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ކަމެކެވެ. ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެއް ވެސް މިދިޔަ މަހުގައި ވަނީ އުފައްދާފައެވެ.

މި އަހަރުތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް އެޅުމަށްފަހު ޚިދުމަތް ފަށާނެ ކަމަށް ވަޒީރު ސައީދު ވަނީ މީގެ ދެ މަސް ކުރިން ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ބޭންކް ވުޖޫދަށް ގެންނަން ބޭނުންވާ ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތްތެވެ. މި ބޭންކުން ރާއްޖޭގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މީގެ ސަބަބުން މަޝްރޫއުތައް ހިންގަން ބޭނުންވާ ފަންޑް ކުޑަ އިންޓްރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ލިބޭނެ ކަމަށެވެ.

އެ އޮތޯރިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާއި އެކު ވެސް ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު