ރާއްޖޭގައި އެކިއެކި މަޝްރޫއުތައް ހިންގުމަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އެސްއެފްޑީ) އިން މިހާތަނަށް 470 މިލިއަން ޑޮލަރުގެ އެހީ ދީފައިވާ ކަމަށް އެ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިއަދު ވަޑައިގެން ހުޅުމާލޭ 2ގެ ކަނެކްޓިން ބްރިޖުތައް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރުޝަދު ވަނީ ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގައި ސައުދީގެ އެހީތެރިކަން ފާހަގަ ކޮށްފައެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި ހިންގާ ފެނާއި ނަރުދަމާ އާއި އުމްރާނީ އެހިނިހެން ތަރައްގީގެ މަޝްރޫއުތަކުގައި ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވިދާޅުވިއެވެ.

1978 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކިއެކި މަޝްރޫއުތައް ހިންގުމުގައި ސައުދީ ފަންޑު ފަހުރުވެރިވާކަން ފާހަގަ ކުރައްވަމުން މަރުޝަދު ވިދާޅުވީ، މިހާތަނަށް 16 މަޝްރޫއަކަށް 470 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ސައުދީ ފަންޑުން މިފަދަ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގަމުން އަންނައިރު، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ވެސް މި ފަންޑުން މިއަދު ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދީފައެވެ.

7 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓް ތަރައްގީ ކުރުމަށް މިއަދު ސައުދީ ފަންޑުން ލޯނު ހަމަޖައްސާފައިވާއިރު، މީގެ ކުރިން ވެސް އެއާޕޯޓުގެ އެކި މަޝްރޫއުތަކަށް އެ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ 1978، 1981، 1992، 1999ގެ އިތުރުން 2016 އެވެ. 2016 ވަނަ އަހަރު ވެސް ސައުދީން ވަނީ އެއާޕޯޓް ތަރައްގީ ކުރަން 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.

ސައުދީ ފަންގޭ އެހީގައި ކުރިއަށް ގެންދިއުމަށް ހަމާޖެހިފައިވާ މަޝްރޫއުތަކުގައި ސޮއިކުރުން

މިއަދުގެ އެއްބަސްވުމަށްފަހު ވެސް މަރުޝަދު ވަނީ މިއީ އެފަންޑުން އެއާޕޯޓް އަޕްގްރޭޑްކޮށް ތަރައްގީ ކުރުމަށް ދެވޭ ހަވަނަ ލޯނުކަން ފާހަގަ ކޮށްފައެވެ. އަދި ލޯނުގެ އަދަދު 285 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ވިދާޅުވިއެވެ.

ސައުދީ ފަންޑުން ވަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން އަރައިގަތުމަށް ވެސް ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ދީފައެވެ.