ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖްތަކުގެ ސަބަބުން ހުޅުމާލޭގެ ތަރައްޤީއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ސައުދީގެ ފަންޑުގެ އެހީގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ތަރައްޤީގެ މަޝްރުއޫތަކުގެ ނިންމުން ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ އެހީގައި ފޭސް އެކަކުން ފޭސް ދޭކަށް ގުޅާލެވިފައިވާ ބްރިޖާއި ޝޯ ޕްރޮޓެކްޝަންގެ ސަރަހައްދުތަކާއި އާބަން އައިލް ކަނެކްޓް ކުރާ ބްރިޖާއި އެތަނުން އެކުލެވޭ ޗެނަލްތަކަކީ ކުރިއަށް އޮތްތާނގައި ހުޅުމާލޭގެ ތަރައްޤީއަށް އިންގިލާބީ ބަދަލުތައް ގެނުވާނެ ކަމެއް ކަމަށެވެ.

މި ކޮންމެ ބަދަލަކީ ރާއްޖޭގެ ރައްޔިތުންނަށް ސަރަހައްދުގެ ވިޔަފާރީތައް ހަރުދަނާކޮށް އިޤްތިސާދު އެހެން ހަރުފަތަށް ގެންގޮސް ދޭނެ މަސައްކަތެއް ކަމަށާއި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހުޅުމާލޭގެ ފޭސް 1، އަދި 2 ގުޅޭ ތަނާއި ފޭސް2، އަދި އާބަން އައިލް ގުޅޭ ތަނުގައި ކޮނެފައިވާ ދެ ޗެނަލާއި އެ ދެ ޗެނަލް ހުރަސްކޮށް އަޅާފައިވާ ބްރިޖްތައް މިއަދު ވަނީ ރަސްމީކޮށް އިފްތިތާހު ވެސް ކޮށްފައެވެ. އެ ޗެނަލްތަކާއި ބްރިޖްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފަޒުލް ރަޝީދާއި ސައުދީ ފަންޑުގެ ފަރާތުން ސޮއިކޮށްފައިވަނީ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދުއެވެ.

އިތުރު ބަނދަރުތަކާއި ބީޗްތައް ވެސް ސައުދީ ފަންޑުގެ އެހީގައި ތަރައްޤީ ކުރަމުން އަންނަ ކަމަށް ފަޒުލް ވިދާޅުވިއެވެ. ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ބްރިޖްތައް މިއަދު އިފްތިތާހު ކުރި ނަމަވެސް އެ ބްރިޖްތައް ބޭނުންކުރާތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. އެހެން ނަމަވެސް ފޭސް ދެއަކާއި އާބަން އައިލްއާ ދެމެދު އަޅާފައިވާ ބްރިޖްގެ ދަށުން ޗެނަލް ހެދުމުގެ މަސައްކަތް އަދި މުޅިން ނުނިމެއެވެ. އެ މަޝްރޫއުތަކަށް ސައުދީ ފަންޑުން 80 މިލިޔަން ޑޮލަރު ހޭދަކުރިއެވެ.

ސައުދީ ފަންޑުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ތިން ޤައުމެއްގެ އެހީތެރިކަމާއެކުގައެވެ. އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖްގެ ޑިޒައިން މަޝްރޫއު ތުރުކީގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ގެންދިޔައީ ޗައިނާގެ ކުންފުންޏަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    ރައްޔިތުންގެ ބޮލުގަ ބޮޑެތިދަރަނިއަޅުވާފަ މިސަރަހައްދައް އިތުރު ބުރިޖެއްއަންނައްޖެހޭބާ

  2. ޒާ

    އަނގަޔޭ ކިޔާބަަލަ

  3. އައްޑޫ މުދިންކަލޭފާނު

    ފިއުޗާ ވެރީ ބްރައިޓް އޮން ދަ ކެޕިޓަޅް އޭރިޔާ މުސްތަގްބަލުގަ ވިލިމާލޭ ބުރިޖް ގުޅާލާ ގިރާވަރު ބުރިޖަކުން ގުޅުވާލީމަ ހީވާނީ ސިންގަޕޫރުހެން ބަޓް ބިދޭސީން އިންތިހާޔައް ގިނަވެ ރެސްޓޯރަންޓް ހޮޓާ ތަކުގެ ސާފުތާހިރުކަން މިހާރުވެސް ހަމަ ޒީރޯ. އެޗްޕީއޭ އޮންނަނީ ނިދާފަ ހުރިހާ ކާއެއްޗެހި ވިއްކާ ތަންތަން ހަދާފަ ބަލާލާނެ ދިވެއްސަކު މިހާރުވެސް ނެތި މި ކެވޭ އެއްޗެއް ނޭގޭ ހާލު މިދަނީ. 2ލައްކަ އެއްހާ ބިދޭސީން ގައިގަ ބޮޑެތި ޓަޓޫ ޖަހައިފަ ތިބޭ މީހުން ގެންނަނީ މިކަން އަހަރުމެން ގެ ދަރިންނައް ފެނި ސަގާފައް ހަލާކުވަމުން މިދަނީ. ބޭރު މީހުން ގެންނަ އިރު މުސްލިމް ގައުމެއް ގަ އެބަ ޖެހޭ ޝަރުތު ކުރަން ޓަޓޫ ނުޖަހާ މީހުން ގެންނަން.