ސައުދީ ފަންޑުގެ އެހީގައި ހުޅުމާލެ ތަރައްޤީކޮށް އެ ސަރަހައްދުގައި އެޅި ބުރިޖު ވެގެންދާނީ ދެގައުމުގެ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ނިޝާނަކަށް ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ސައުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި ހިންގި މަޝްރޫއުތަކެއް މިއަދު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ.ޝަފީޤު ވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދުއަށް ޝުކުރު އަދާކޮށްފައެވެ. އަދި ޒަމާނުއްސުރެ ރާއްޖެއާ ސައުދީ ދެމެދު ބާއްވާ ވަރުގަދަ ޑިޕްލޮމެޓިކް ގުޅުމަށް ޝުކުރު އަދާކޮށްފައެވެ.

ޝަފީގު ވިދާޅުވީ ހުޅުމާލެ ދެ ފިޔަވަހި ގުޅުވައިދޭ ހަތަރު ވަނަ ބުރިޖު އެޅިގެން ދިޔުމަކީ މާލެ ސަރަހައްދަށް ލިބިގެންދާނެ ވަރަށް ބޮޑު އުމްރާނީ ތަރައްޤީއެއް ކަމަށެވެ. އޭގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ ދަތުރު ކުރުމުގައި ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެއެވެ.

"މާލެ އާއި ހުޅުމާލެ ގުޅުވައިދޭ 5 ވަނަ ބުރިޖު ނިންމާލުމަކީ ހުޅުމާލެ ފޭސް 1 އަދި 2 އަށް ވަކިން ހާއްސަކޮށް ގްރޭޓާ މާލެ އޭރިޔާއަށް ލިބިގެންދާނެ ވަރަށް ބޮޑު ލޭންޑް މާކް އެޗީވްމަންޓެއް." ޝަފީއު ވިދާޅުވިއެވެ.

ސައުދީ ސަރުކާރުގެ އެހީގައި މި ގެނެވޭ ތަރައްޤީ ރަމްޒުކޮށްދެނީ ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުން ކަމަށާއި މި ބްރިޖަކީ ދެ ޤައުމުގެ މެދުގައި އޮންނަ ދާއިމީ އަދި އަޚުވަންތަކަމުގެ ގުޅުން ދައްކުވައިދޭ ނިޝާނެއް ކަމަށް ޝަފީގު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ދެ ޤައުމުގެ މެދުގައި ޑިޕްލޮމެޓް ގުޅުންތައް އުފެދިފައިވަނީ މީގެ ހަތަރު ދިހަ އަހަރަށްވުރެ ގިނަ ދުވަސް ކުރިން. މި ގުޅުން ބިނާވެފައި އޮތީ އޭގެ މައްޗަށް އިޙްތިރާމް އިތުބާރާއި އަޚުވަންތަކަުގެ މައްޗަށް." ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢަށް ފައިނޭންސް ކުރުމަށްޓަކައި ސައުދީ ފަންޑުގެ ސީއީއޯއަށާއި މަޝްރޫޢު ގާތުން މޮނިޓަރކޮށް، ބަލަހައްޓަމުން ގެންދަވާ ސައުދީގެ ހާއްސަ ޓީމަށް ވަޒީރު ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖެއާއި ސައުދީއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވެފައި އިސްލާމީ ސަޤާފަތާއި ތާރީހީ ގުޅުމެއް ދެ ގައުމުގެ ދެމެދު އުފެދިފައިވާކަން ވަޒީރު ފާހަގަކޮށްލިއެވެ. އަދި ދިވެހިންނަށް ސައުދީ އަރަބިއްޔާ ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި އޭގެތެރޭގައި މާތްވެގެންވާ ދެ ހަރަމްފުޅު އެ ބިމުގައި ހުރުން ހިމެނޭ ކަމަށް ޝަފީއު ވިދާޅުވިއެވެ.