ރާއްޖެއަށް އިންޑިއާ އާއި ޗައިނާ އިން އެތެރެ ކުރާ މުދަލަށް ޑޮލަރާއި ނުލާ ފައިސާ ދެއްކޭނެ ގޮތް ހަދަން އެ ދެ ގައުމުންވެސް އެއްބާރުލުން ދޭނެ ކަމުގެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެއެެވެ.

މި ސަރުކާރުން މީގެ ކުރިން ވަނީ އިންޑިއާއާއި ޗައިނާއާއެކު މިހާރު ވެސް ބޮޑެތި އަދަދުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭއިރު، ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން އެ ވިޔަފާރި ކުރެވޭ ނަމަ ޑޮލަރު އަގު ކުޑަކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ ވިޔަފާރިއަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށާއި ވަކި ބަޔަކާ ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޗައިނާއާއިއެކު 720 މިލިއަން ޑޮލަރުގެ އަދި އިންޑިއާއެކު 780 މިލިއަން ޑޮލަރުގެ ވިޔަފާރި އެބަ ކުރަން. މި ދެ ގައުމާއެކު ހަމައެކަނި. މިކަން ވާނެ ކަމުގެ ހުރިހާ ސިގްނަލެއް އެބަފެނޭ. އެއީ އަޅުގަނޑުމެންގެ ސަރުކާރަކީ ގޮސް ވަކި ބަޔަކާ ޖެހޭނެ ބައެއް ނޫން. އަޅުގަނޑުމެންގެ ލައިން ވަރަށް ސާފު. ރާއްޖޭގެ މިނިވަންކަން ބޭރުގެ ސިފައިން ނުތިބުން އަޅުގަނޑުމެންގެ ބޭނުމަކީ. ވިޔަފާރީގައި ހުޅުވާލެވިފައިވާ ގައުމެއް ރާއްޖެއަކީ." އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އޭޕްރިލް 11 ވަނަ ދުވަހު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައީދު ރޭ ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތަކީ ޗައިނާ އާއި އިންޑިއާ ސަރުކާރާއެކު ރުފިޔާގެ އަގު އިތުރަށް ވަރުގަދަ ކުރުމުގެ މަަސައްކަތް ކަމަށެވެ.

ސައީދު ވިދާޅުވީ، ޗައިނާގައި ދިވެހިން 600-700 މިލިއަން ޑޮލަރުގެ އިމްޕޯޓް ރާއްޖެއަށް ކުރާ ކަމަށާއި އޭގެ މާނައަކީ ޑޮލަރު ދީގެން ޗައިނާއިން އެއްޗެހި ރާއްޖެ ގެންނަ ކަމަށެވެ. އަދި އިންޑިއާއިންވެސް ހަމަ ގާތްގަނޑަކަށް އެ އަދަދަށް ޑޮލަރު ދައްކައިގެން ރާއްޖެއަށް މުދާ އެތެރެ ކުރާ ކަމަށް ސައީދު ވިދާޅުވިއެވެ.

"އެހެންވީމަ ޖުމްލަ މި ދެ މާކެޓް އެއްކޮށްލީމަ 1.4 ނުވަތަ 1.5 ބިލިއަން އެމެރިކާ ޑޮލަރު އެބަ ގެނޭ ދެ ތަނުން އަހަރެއްގެ ތެރޭ، އެހެންވީމަ ވިސްނުން ފުޅަށް ގެންނަވާ އެ އަދަދަށް ޑޮލަރު އެބަ ޖެހޭ ހޯދަން،"

ވަޒީރު ސައީދު ވާހަކަދައްކަވަނީ-- ވަގުތު ފޮޓޯ: މުހައްމަދު އަލީފް

ސައީދު ވިދާޅުވީ، ޑޮލަރު ޑިމާންޑް ދަށް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ އާއި ޗައިނާއާއެކު މަޝްވަރާ ކުރެވެމުންދާ ކަަމަށެވެ.

"މިސާލަކަށް ޗައިނާއިން ގެންނަން ބޭނުންވާ މުދަލަށް، އެ މުދާ ގެންނަ ފަރާތްތަކުން އިންވޮއިސް ހޯދައިގެން ގެނައީމަ، ދިވެހި ރުފިޔާއިން ބޭންކްތައް މެދުވެރިކޮށް، އެ ބޭފުޅުންގެ ލޯކަލް ކަރަންސީން ފައިސާ ދެއްކޭނެ ގޮތް، އެއީ ޔޫއެސް ޑޮލަރުގެ ބަދަލުގައި".

އޭނާ ވިދާޅުވީ، ކޮންމެ ގައަމުން 300 މިލިއަން ޑޮލަރުގެ އަދަދެއް ހަމަޖެހުނަސް، އެ އަދަދުގެ ޑޮލަރުގެ ބޭނުން މުސްތަގުބަލުގައި ކެނޑިގެން ދާނެ ކަމަށެވެ.

"އޭގެ މާނައަކީ ޑޮލަރުގެ ޑިމާންޑް ދަށްވަމުންތާ ދާނީ، އަދި ކުރިއަށް އޮތްތަނުގައި ޑޮލަރަށް އޮތް ޑިމާންޑް ކުޑަވަމުންތާދާނީ، ޑޮލަރައިޒް ވެފައި އޮތް ސަގާފަތެއްގައި ކުރަން ރަނގަޅު ކަމެއްހެން އަޅުގަނޑަށް ހީވަނީ،".

ސައީދު ވިދާޅުވިގޮތުގައި ޓްރޭޑް ފެސިލިޓޭޝަނަށް ޑޮލަރުގެ ބަދަލުގައި ލޯކަލް ކަރަންސީން ޕޭމަންޓް ހެދޭނެ ގޮތަށް ބައްޓަން ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ސިޓީއަކުން ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރ ބައްދަލު ކުރެއްވުމުން، މިކަމުގައި ޝައުގުވެރިކަން ހުރިކަން ފާހަގަކުރެއްވި ކަަމަށް ސައީދު ވިދާޅުވިއެވެ.

"މި ދެ މާކެޓާއެކު ކުރެވޭ މަސައްްކަތުން ވެގެން ދާނެ، އިރާދަކުރެއްވިއްްޔާ ރުފިޔާ ވަރުގަދަ ވެގެން ދިއުން،". ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮހޮނި

    އިސާހިތަކުން 16.50 އަށް ޑޮލަރު ވެއްޓިދާނެ

  2. ސަރަފަކައްދަ

    ނޫން! ނޫން! އިންޑިއާ އައުޓު! އިންޑިއާ އައުޓު! އިންޑިއާ އައުޓު! ރާކަނި މަސް ކެވިއްޖެ ދޮތަ!

    2
    8
  3. ސައިމަން

    ޑޮލަރ އަގު 11.80 އަށް ވައްޓާލަފަ ނޫނީ މިސަރުކާރުން ދޫކޮއްނުލާނެ އިންޝާ ﷲ.. ސާބަހޭ ޑރ މުއިއްޒ، ދިވެހިން ނަށް މިހާރު އިންގޭނެ ކިޔައިވައިގެން ތިބީ އިލުްމީ ގާބިލް މީހުން ވެރިންނަށް ހޮވުމުގެ މުހިއްމު ކަން، އިބޫ އާ އަންނި އަށް ތަރައްގި ގެންނަން އިނގުނި ހަމަ އެކަނި އުނގުވިޔަފާރި އުސޫލުން ، ހަށިވިއްކާ ހެން ދިވެހި ބިމާ ކަނޑު ފަޅު ވިއްކައިގެން، 50% ހޭދަ ކުރީ ޕާޓީ މީހަ އަށް، އެމްޑީޕީ އަކީ ހަމަ އަސްލުވެސް ފަނާ ކުރަނިވި ފިކުރެއް، ދީން ނެތިކޮއްލުމާ ދަރަނީގަ ޖެއްސުމުގެ ޙީލަތް