މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝައްމާން ޝާކިރު "ވަގުތު"އަށް ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުމަށް ބަލައި ފްލައިޓުތަކުގެ ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

ޝައްމާން ވިދާޅުވީ މޫސުން ގޯސްވިޔަސް ފްލައިޓްތައް ކެންސަލް ނުވާނެ ކަމަށެވެ. އަދި ވިޒިބިލިޓީ ދަށްވާ ހާލަތުގައި މޫސުން ރަނގަޅު ހިސާބެއްގައި ފްލައިޓް ހިފަހައްޓާނެ ކަމަށާއި މާގިނައިރު މަތީގައިވާނަމަ ކައިރީގައި އޮންނަ އެހެން ޑޮމެސްޓިކް އެއަރޕޯޓަކަށް ޖައްސާނެ ކަމަށެވެ.

ޝައްމާން ވަނީ ހުރިހާ ދަތުރުވެރިން ވެސް މޫސުމަށް ސަމާލުކަން ދީގެން ކުރިއާލައި އެއަރޕޯޓަށް ދިޔުމަށް އިލްތިމާސް ކުރައްވާފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓްއިން ވަނީ މާލޭ ސަރަހައްދަށް މިއަދު އޮރެންޖް އިންޒާރު ވެސް ނެރެފައެވެ. މެޓުން ނެރުނު އިންޒާރުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ އިންޒާރު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް، މިއަދު ހެނދުނު 9:00އިން 12:00އާ ހަމައަށެވެ.

މެޓްއިން ކުރިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. މެޓްއިން ވިދާޅުވީ ހުޅަނގު މޫސުމުގައި ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެކުނުގެ ރަށްތަކަށް ކަނޑު މަޑުވެ މޫސުން މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.