ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު މުދައްރިސުން މަދުވުމުގެ މައްސަލަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މިއަދު މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ފެންވަރު ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަނގަޅު އުފެއްދުންތެރި ވިސްނުމުގެ މުދައްރިސުން ދާއިރާގެ ހިދުމަތުގައި ތިބެގެން ކަަމަށެވެ.

ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު މުދައްރިސުން މަދުވުމުގެ މައްސަލަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު މުދައްރިސުން މަދުވުމުގެ މައްސަލަ،" މިނިސްޓަރު ވިދާޅުވިއެވެ.

އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ އިތުރަށް ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށް ގައުމީ ފެންވަރުގައި މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި ދިރާސީ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާޓިފިޝަލް އިންޓެލިޖެންސްއާއި ކިޔެވަވައިދިނުމަށް ބޭނުންކުރާ އެހެނިހެން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މުއްދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް މި ދިރާސީ އަހަރުގެ ތެރޭގައި ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގެ ޓިޗަރުންނަށް ހާއްސަ "މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު" މިދިޔަ އަހަރު ވަނީ ގެޒެޓްކޮށްފައެވެ.

ދެހާސް ވިހިވަނަ އަހަރު ފާސްކުރި ތައުލީމީ އާ ގާނޫނުގެ ދަށުން "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" އުފައްދައި އެ ބޯޑުން ޓީޗަރުންނަށް ލައިސެންސް ދޫކުރަން ޖެހޭނެ އެވެ.

އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަަހަރު ދުވަހުގެ ތެރޭގައި ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓްރީކޮށް، ޓީޗަރުން ލައިސަންސް ހޯދަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ލައިސެންސް އޮތީ ދޫނުކުރެވިއެވެ.

ގެޒެޓް ކުރި ގަވާއިދުގައި ވަނީ އެ ގަވާއިދަކީ ޓީޗަރުންނަކީ ގާނޫނުގައި ޓީޗަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއ،ި ހުނަރާއި، މަސައްކަތުގެ އަހުލާގު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި އެ ޓީޗަރުންނަކީ އުުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތައުލީމީ ފެންވަރާއި، ފަންނީ ހުނަރާއި، ގާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމާއި، އެ ގަވާއިދުގެ ދަށުން ޓީޗަރުންނަށް ލައިސަންސް ދިނުމަށް ކަނޑައަޅައިފައިވާ އުސޫލުތަކަށް ފެތޭ ބައެއްކަން ކަށަވަރުކުރުން ކަަމަށްވެސް ބުނެފައި ވެއެވެ.

އެ ގަވާއިދަށް އަމަލު ކުރަން ޖެހޭ ޓީޗަރުންގެ ތެރެއިން ރާއްޖޭގެ ސްކޫލްތަކާއި ރާއްޖޭގައި ހިންގާ ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުން ހިމެނެއެވެ.

އެގޮތުން ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަނާއި، ޕްރީސްކޫލާއި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަނާއި، ޓިއުޝަން ދޭ ތަންތަނާއި، ގުރްއާން ކްލާސްތަކާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ތަޢުލީމާއި ތަމްރީނު ދޭ ތަންތަންވެސް އެ ގަވާއިދުގެ ތެރޭގައި ހިމެނެއެވެ. އެ ގަވާއިދުގެ ދަށުން އެތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުންނާއި، ސުޕަވައިޒަރުންނާއި، ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި، ހެޑް ޓީޗަރުންނާއ،ި އެ ފެންވަރުގެ މަޤާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި ޕްރިންސިޕަލުންނާއި، ސުޕްރިޓެންޑެންޓުންނާއި ޓިއުޓަރުންވެސް ހޯދަން ލާޒިމް ވާނެއެވެ.