މާލޭގެ 7 ގެއެއް ބަލައި ފާސްކޮށް ހޯދި ނުވަ ކިލޯގެ މަސްތުވާތަކެތި މައްސަލައިގެ ދައުލަތުން ދައުވާ ކުރި 8 މީހުންގެ ތެރެއިން އަލީ ޒުބައިރުގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައިވާއިރު، އެ މައްސަލާގައި އަލީ ޒުބައިރުގެ ގެއިން ފެނުނު ޖޫސްޕެޓީ ކޮތަޅާއި ބަންނަ ރަބަރަކީ އޭނާ މަގުމަތިން ހޮވައި އެއްކުރާ އެއްޗެއް ކަމަށް އޭނާގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ބުނެފިއެވެ.

އަލީ ޒުބައިރުގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަކީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން އަލީ ޒުބައިރުގެ މައްޗަށް ކުށް ސާބިތު ވެފައި ނުވާތީ ދައުލަތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މިއަދު ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އަލީ ޒުބައިރުގެ ފަރާތުން މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ، ކްރިމިނަލް ކޯޓުގެ ހުކުމްގައި ޒުބައިރުގެ ގެ ބަލާ ފާސްކުރުމުގައިި ހުރި ޝައްކުއުފެދޭ ވާހަކަތަކެއްގެ މައްޗަށެެވެ. އެގޮތުން އެ ބަލައި ފާސްކުރުމަށް ހޯދި ކޯޓު އަމުރުގައި އަލީ ޒުބައިރުގެ ނަން ނެތް ކަމާއި އެ ގެ ބަލައި ފާސްކުރި އިރު އަލީ ޒުބައިރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި އެެހެން ގެއެއްގައި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި އަލީ ޒުބައިރުގެ ފަރާތުން ބުނެފައިވަނީ، އޭނާ ގެ ދިރިއުޅުން މ. ނިޝާނާމަންޒިލް އިން މ. އަފްސާނާގެއަށް ބަަދަލުކޮށްފައިވާ ކަމަށާއި އެގޮތުން ފުލުހުން އެގެ ބަލައި ފާސްކުރުމުގެ މަހެއް ހާ ދުވަސް ކުރިން އޭނާ ގެ ބަދަލުވި ކަމަށެވެ. އަދި މ. ނިޝާނާމަންޒިލް އިން ފެނުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ކަމަށާއި އެގޭގައި ކުރިން ދިރިއުޅެފައިވާތީވެ ތުވާލީގައި ޑީއެންއޭ ހުރުން އެކަށީގެންވާ ކަމަށެވެ. އެހެންނަމަވެސް އެގެއިން ފެނުނު އެއްވެސް މަސްތުވާތަކެއްޗެއްގައި އޭނާގެ ފިންގަޕްރިންޓް އަދި ޑިއެންއޭ ވެސް ފެނިފައި ނުވާ ކަމަށްވެސް ބުނެފއި ވެއެވެ. މީގެ އިތުރުން، އޭރު އަލީ ޒުބައިރު ދިރިއުޅެމުން ގެންދިޔަ އަފްސާނާ ގެއިން ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށާއި، އެގެއިން ފެނުނު ޖޫސްޕެޓީ ކޮތަޅުތަކާއި ބަންނަ ރަބަރު ތަކަކީ ގާނޫނާ ހިލާފު އެއްޗެއް ނޫން ކަމަށެވެ. އަަދި މީގެކުރިން ވެސް އޭނާއަކީ ބަންނަ ރަބަރު މަގުމަތިން ހޮވައި އެއްކުރާ މީހެއް ކަމުގައި ފާހަގަ ކުރިއެވެ. އަދި ޖޫސްޕެޓީ ކޮތަޅާއި ކުދި ރަބަރު ކޮތަޅު ތަކަކީ ކިއްލި އާއި ސަނާމުގު އަޅަން ބޭނުންކުރާ ފަދަ ތަކެތި ކަމަށާއި އެއީ ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލައާ ގުޅުން ހުރި ތަކެތި ނޫން ކަމަށްވެސް ބުނެފައި ވެއެވެ.

ދައުލަތުގެ ފަރާތުން ފާހަގަކޮށްފައި ވަނީ، ކޯޓު އަމުރެއްގެ ދަށުން މ. ނިޝާނާމަންޒިލް ބަލައި ފާސްކުރުމަށްޓަކައި ފުލުހުން ފުރަތަމަ އެގެއަށް ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި އެހެންނަމަވެސް އެގޭގައި އެއްވެސް މީހެއް ނެތުމުން، ސީން ހޯލްޑްކޮށް މ. އަފްސާނާގެއިން އަލީ ޒުބައިރު ގެނެސް އޭނާގެ ޖީބުން ފެނުނު ތަޅުދަނޑިން މ. ނިޝާނާމަންޒިލް ގޭގެ ދޮރު ހުޅުވޭތޯ ބަލައި ހުޅުވޭކަން ކަށަވަރު ކޮށް އެއަށްފަހު އެގެ ބަލައިފާސް ކޮށްފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ގިނަ ސުވާލުތަކެއް ދެފަރަތާއިވެސް ކޮށްފައިވާއިރު ދެން އަންނަ އަޑުއެހުމަކަށް، ސީން ހޯލްޑް ކުރުމާ ގުޅޭގޮތުން އިޖުރާއީ ގާނޫނުތަކުގެ އަލީގައި އެއީ ގާނޫނު ދަންނަ ކަމެއްތޯ އަދި ގާނޫނީ ގޮތުން އެއީ ކުރެވޭނެ ކަމެއްތޯ ބަލައި އެކަމާ ގުޅޭ ގޮތުން ތަފްސީލުކޮށް ވާހަކަ ދެއްކުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރި އިރު ދައުވާ ސާބިތުވެފައި ވަނީ އަސްލަމް ނާޒިމް އަށާއިި ހުސައިން ޒަހީންގެ މައްޗަށެވެ.