ރާއްޖޭގެ ބޮޑު ރިސޯޓެއްގެ މެނޭޖްމެންޓަކުން އެ ރިސޯޓްގެ މުވައްޒިފުންނަށް ބިރުދައްކާ ވަކި ފަރާތަކަށް ވޯޓު ދިނުމަށް މަޖުބޫރު ކުރަމުންދާ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެއެވެ.

"ބޮޑު މާސިންގާ ރިސޯޓެއް. އެރިސޯޓްގެ މުވައްޒަފުންނަށް ރިސޯޓްގެ މެނޭޖްމެންޓްގެ ފަރާތުން ބަޔަކު ގެންގޮސް އެމީހުންނަށް ބިރުދައްކާ. އިބޫ ޞާލިޙް ނޫން މީހަކަށް ވޯޓް ދީފިކަމުގައިވާނަމަ.." މިއަދު ޕީޕީއެމްގެ އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިފަދަ ގޮތަކަށް ކަންތައް ކުރަމުން އަންނަނީ ޑިމޮކްރެޓިކް އުސޫލުތަކާއި ޚިލާފަށް ކަމަށާއި އަދި ބިރު ދެއްކުމަކީ އެމްޑީޕީން ފެށުނީއްސުރެ ވެސް ކަންތައް ކުރަމުން އަންނަ ގޮތް ކަމަށެވެ. ނިހާން އިތުރަށް ވިދާޅުވީ އެމްޑީޕީއިން 2008 ވަނަ އަހަރު ގެންގުޅުނު އުކުޅުތައް ބޭނުން ކުރަމުން އަންނަ ކަމަށާއި ނުކުރާކަންތައް މީހުންގެ ބޮލުގައި އަޅުވާ ދޮގު މަޢުލޫމާތު ފެތުރުމަކީ ފެށުނީއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ނިހާންގެ ވާހަކަފުޅުގައި ވިދާޅުވީ އެމްޑީޕީއިން މީސްމީޑިޔާގައި ޘާބިތު ނުހިފޭ ވާހަކަތަކެއް ދައްކާ ކަމަށާއި ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓް ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މިއީ މީހެއް ޤަތުލު ކުރުމަށްވުރެ ވެސް ނުބައި ކަމެއް ކަމަށް ނިހާންވަނީ ސިފަ ކުރައްވާފައެވެ.

"ޘާބިތު ކަމެއްނެތް ވާހަކަތަކުން، ޖަރީކޮށްގެން ރައްޔިތުން ބަދަލުކުރުމަކީ ނުރައްކާތެރި ވަރަށް ނުބައިކަމެއް. ވަރަށް ބޮޑު ފިތުތަނައެއް. ޤަތުލު ކުރުމަށްވުރެ ނުބައި ނުލަފާކަމެއް." ނިހާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުމުގައި ދައުރުވަމުންދާ އިދިކޮޅު ފަރާތްތަކުގެ ކެބިނެޓް ލިސްޓްކަމަށް ބުނާ ލިސްޓަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ، އިދިކޮޅުން ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނެރެފައިތިބީ މީގެ ކުރިންވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ފެއިލްވެފައިވާ ބައެއް ކަމަށާއި މިއީ ރައްޔިތުން ޤަބޫލު ކުރާނެ ބައެއް ނޫން ކަމަށެވެ.

މީގެ އިތުރުން ނިހާންގެ ވާޙަކަފުޅުގައި ވިދާޅުވީ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހުގައިވެސް ޕީޕީއެމްއަށް ގުޅޭ މީހުންގެ އަަދަދު އިތުރުވެފައިވާ ކަމަށާއި އިދިކޮޅުން ގެންގުޅުއްވަނީ މާ ކުރީގެ ހިސާބެއް ކަމަށެވެ. އަދި 2008 ވަނަ އަހަރު އިދިކޮޅަށް ސަޕޯޓް ކުރި ގިނަ ބަޔަކު މިއަދު ތިބީ ސަރުކާރަށް ތާޢީދުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު މާދަމާ އޮންނަ އިރު، ކެންޕެއިންގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސދފސދފ

    ކަލޭ ހެޔޮ ދޯ ކިތައްމެ ފިތުނަ އުފެދޭ ގޮތަކަށް ވާހަކަދެއްކިޔަސް.

  2. މަލް

    ނިހާނުމެން ސަރުކާރު މުވައްޒަފުންނަށް ދައްކާ ބިރު ކުޑައީތަ؟

  3. ހުސޭނު

    ތީ ގާސިމްގެ ރިސޯޓްތަކުގެ އާދަ، އަދި ތިވަރުން ނުނިމެ މުސާރަޔާ ސްރވިސް ސާޖްނުދީ އެހިފަހަޓަނީ ވެސް ބިރުދައްކަން.