ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއިން ގއ.ކޮލަމާފުށިން ހައްޔަރުކޮށްފައިވާ 18 މީހުން މިއަދު ދޫކޮށްލާނެ ކަމަށް ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވެއްޖެއެވެ.

މަހުފޫޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ދޫކޮށްލާނެ ކަމަށް ވިލިނގިލީ ޕޮލިސް ސްޓޭޝަނުން އަންގާފައިވާ ކަމަށެވެ.

ކޮލަމާފުށިން ހައްޔަރުކުރި 17 މީހެއްގެ ބަންދަށް 15 ދުވަސް އަދި އެކެއްގެ ބަންދަށް 12 ދުވަސް ކޯޓުން އިތުރުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އެމީހުންގެ ބަންދަށް މިދިޔަ މަހު 30 ވަނަ ދުވަހު ޖެހި ބަންދުގެ މުއްދަތު ހަމަވުމުން އިއްޔެ ގއ.ވިލިނގިލީ ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުންނެވެ. އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައި ވަނީ ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު ހިމެނޭ ގޮތައް 18 ވަކީލުންގެ މައްޗަށް އެކުލެވޭ ޓީމެއް އެމީހުންގެ ދިފާޢުގައި ކޯޓަށް ހާޒިރުވެ ވަކާލާތު ކޮށްފައި ވަނިކޮށެވެ.

ކޮލަމާފުށީގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަމައެކަނި އެމްޑީޕީ މީހުން ހައްޔަރުކޮށް އަދަބު ދެމުން ގެންދާތީ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ފުލުހުންގެ ތެރެ އަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށް އެ ޕާޓީން ބުނެ އެވެ.