ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަގުތުން ދޫކޮށްލުމަށް އެދި، އޭނާގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހެބިއަސްކޯޕަސް އަމުރާ މެދު ގޮތެއް ނިންމުމަށް އެ ކޯޓްގައި މިއަދު ތާވަލްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ރިޔާޒު މައްސަލާގައި ހެބިއަސްކޯޕަސް އަމުރުގެ އަޑުއެހުމެއް މިއަދު ކޯޓްގައި ބާއްވަނީ ހަވީރު އެވެ. އެ އަޑުއަހުމަށް ރިޔާޒު ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިޔާޒުގެ ފަރާތުން ހެބިއަސްކޯޕަސް މައްސަލައެއް ހުށަހަޅާފައިވަނީ ރިޔާޒުގެ މައްޗަށް މިދިޔަ އޭޕްރިލް މަހު ހައިކޯޓުން އިއްވި ހުކުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.

ރިޔާޒުގެ ގާނޫނީ ވަކީލުން ބުނެފައިވަނީ ރިޔާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްގެ މުއްދަތަށް ވުރެ އިތުރަށް ވެސް ރިޔާޒު މިހާރު އެވަނީ ޖަލު ބަންދުގައި ހޭދަކޮށްފައިވާ ކަމަށެވެ.

ރިޔާޒުގެ ވަކީލުން ވިދާޅުވީ މާރޗު 2 ވަނަ ދުވަހުގެ ހަވީރު ސިޔާސީ ޕާޓީތަކުން ޞުލްހަވެރިކަމާއެކު މާލޭގައި ބޭއްވި އެއްވުމެއްގައި ރިޔާޒު، އެއްވެ އުޅުމުގެ ޙައްޤުގެ ބޭނުން ކުރަމުންދަނިކޮށް ހައްޔަރުކުރުމަށްފަހު ޖަލުގައި ބަންދުކޮށްފައިވާތާ މިއަދަށް 6 މަސްދުވަސް ވެއްޖެ ކަމަށާއި އަދި އެދުވަހު ބަންދުކުރުމަށްފަހު އޭގެ 12 ދުވަސް ފަހުން އިއްވި ތުހުމަތުތަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރެވޭނެ ތަނެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާކަން އޮގަސްޓް 14 ވަނަ ދުވަހު ރިޔާޒަށް ވަނީ ލިޔުމުން އަންގާފަ ކަމަށެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ކަންވެސް ކުރައްވާފައިވާ ޢަބްދުﷲ ރިޔާޒު ފުލުހުން ހައްޔަރު ކޮށްފައިވަނީ އެކެއް ފެބުރުވަރީގެ އަމުރާ ގުޅިގެން ހިންގި ތަހުޤީގުތަކުގެ ތެރެއިން 2018 މާރޗް 12 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަފީރު

    ހުރިހާ ސިޔާސީ މީހުން ދޫކޮއްލަން ޖެހޭނީ.. ރޔާމީންގެ ބާރެއް ވެރިކަމުގައި މިހާރު ނޯންނާނެ..

  2. އެހެންތޭ

    ތިގޮތަށް ކީއްވެގެންތޭ ކުދި ކުދި ކުށް ތައް ކޮށްފައިވާ މީހުން ދޫކޮށްލަން ތަމެން ސިޔާސީ މީހުން ނޫޅެނީ ޔަގީނުން ވެސް އިނގޭ ކަމަކީ ތިޔާ ރިޔާޒަކީ އެއީ މިވެރިކަން ވައްޓާލަން އެންމެ ބޮޑަށް މަސައްކަތް ކުރި އެކަކު ކަން އެކަން ކަން ބޭރު ފުށަށް ސާބިތު ނުވި ނަމަވެސް އެކަމަކީ އެއީ އެންމެން ދަންނަ ކަމެކޭ.

    • ލަލަލާ

      ރައްޔިތުން ނިކުމެ އެއޮތީ ހިތި ގޮތަކަށް ޔާމިނުގެ ވެރިކަން ވައްޓާލާފައި... ދެން ލަލަލާ

  3. ޢައިޝާ

    ދީނީ އިލްމުވެރިޔާ އަފްރާޝީމްގެ މަރުގެ ތަފްސީލް ޝައިޚު އިލްޔާ ހުސައިން ކިޔައިދޭނީ ކޮންދުވަހަކުންތޯ؟ ބޮޑު ހިޔާނާތުގެ ވާހަކަ ރައްޔިތުންނަށް އަދީބު ކިޔައިދޭނީ ކޮންއިރަކުންބާ؟

  4. ބުއްޅަބޭ

    ހުކުމެއްނެތި އެއްވެސްމީހަކު ބަންދުގައި ހުރެގެންނުވާނެ! ސުވާލަކީ އެމީހުން ބަންދުގަ ތިބީ ކޯޓް އަމުރެއްގެ ދަށުންތޯ ނުވަތަ ހުކުމެއްގެ ތެރެއިންތޯ.