‏މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ވެރިކަމެއްގައި އިސްކަންދޭނީ ދިވެހިން ފުދުންތެރި ބަޔަކަށް ހެދުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާޒިމުގެ ވެރިކަމެއްގަ އަބަދުވެސް އިސްކަންދޭނީ ދިވެހިންނަށް، އެންމެ ނިކަމެތިންގެ ދިރިއުޅުން ފުދުންތެރި ބަޔަކަށް ހެދުމަށް ކަމަށެވެ.

ހިދުމަތައް އެދި ސަރުކާރުގަ ސަލާންޖަހާޖެހުން ނިމުމަކަށް ގެނެސް ސަރުކާރުގެ އޮފީސްތަކަކީ ނަޒާހަތްތެރި އަދި އަވަސް ހިދުމަތްދޭ ތަންތަނަށް ނާޒިންގެ ސަރުކާރުގައި ހަދާނެ ކަމަށެވެ.

ރިޔާޒް އަންނަނީ ކޮންމެ ދުވަހަކު ވެސް ނާޒިމްގެ ވެރިކަމެއްގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލްތައް ހާމަކުރައްވަމުންނެވެ.

އެމްއެންޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް ވަނީ އަރުވައިފައެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން"މިއެވެ.

ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައެވެ.

އޭގެ ކުރިން ނާޒިމް ވަނީ ސިފައިންގެ ހިދުމަތުގައި 23 އަހަރު ގައުމަށް ހިދުމަތް ކުރައްވާފައެވެ. ނާޒިމް އަސްކަރީ ހިދުމަތުން ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރުގެ ޖަނަވަރީ 15 ގައެވެ.

އަސްކަރީ ސައިންސްގެ ދާއިރާގެ މާސްޓާސް ހާސިލް ކޮށްފައިވާ ނާޒިމް ވަނީ އަސްކަރީ ގިނަ ކޯސްތަކަކެއް ފުރިހަމަ ކުރައްވާފައެވެ.

ސެޕްޓެމްބަރ މަހުގެ 08 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހު ހުޅުވާލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    ކިހިނެއް ނާޒިމަށް ވޯޓުދެވޭނީ؟ އެންމެ ފަހުވަގުތު ނާޒިމު ބުނެފާނެ ތިމަންނަގެ ނަމުގައި ވަޢުދުވީ އަބްދޯރިޔާޒޭ.. އަބްދޯރިޔާޒަށޭ އެނގޭނީ ތިވައުދުތައް ފުއްދާނެ ގޮތެއް.. ތިމަންނަ ސަލާމޭ ކިޔާ ބޯދަމާގަތީމަ ރައްޔިތުންނަށް ވާނީ ކިހިނެއް؟