މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވ.އަތޮޅުން ފެށިގެން ގއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައެވެ. ގުގުރުމާއި އެކު އެސަރަހައްދަށް ބޯކޮށް ވާރޭ ވެހި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު 10:00 އާއި ހަމައަށެވެ.

މީގެ އިތުރުން ހއ.އަތޮޅާއި އއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް އަދި ގދ.އަތޮޅާއި ސ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެސަރަހައްދުތަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު 14:00 އާއި ހަމައަށެވެ.

ދެކުނާއި މެދުތެރޭގެ ކަނޑުތަށް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރައްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާކަމެއް ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.