މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ދެންމެ ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް އަބްދުﷲ ޖިހާދު މިހެން ވިދާޅުވީ "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޕީޕީއެމް އިން އިންތިޚާބުގެ ނަތީޖާ އާއި މެދު ސުވާލު އުފައްދަމުން ދިޔަ ނަމަވެސް ނައިބު ރައީސް ޖިހާދު ވިދާޅުވީ "ނަތީޖާ ގަބޫލު ނުކުރަންޖެހޭ އެއްވެސް ކަމެއް ހިނގާފައިވާ" ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ޖިހާދު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މިރޭ މަރުހަބާ ވެސް ދަންނަވާފައިވާނެ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަންގެ ނަތީޖާ އެ އޮތީ ފެންނަން. އަޅުގަނޑު އެ ބަލައިފިން. އޭގައި މައްސަލައެއް އުޅޭ ކަމަކަށް ނުދެކެން،" ނައިބު ރައީސް ޖިހާދު ވިދާޅުވިއެވެ.

ޖިހާދު އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސް ކަން ކުރައްވާ ތިން ވަނަ ބޭފުޅާ އެވެ. އެމަނިކުފާނު ނައިބު ރައީސް ކަމަށް އައްޔަން ކުރީ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަގާމުން ދުރުކުރުމަށް ފަހު އެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީން ނިކުމެ ވަޑައިގެންނެވީ ކުރީގެ މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވައިގެންނެވެ.

ނައިބު ރައީސް ކަމުގެ މަގާމު އިތުރު ދައުރަކަށް ޖިހާދަށް ނުދެއްވަން ރައީސް ޔާމީން ނިންމެވި ނަމަވެސް ޖިހާދު ވަނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަށް ކެމްޕޭން ކުރައްވާފައެވެ. އޭނާގެ އުފަން ރަށް ކަމަށްވާ ތިނަދޫގައި ކެމްޕޭން ކުރެއްވުމުގައި އިސްކޮށް އުޅުއްވީ ޖިހާދެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެންމެ ގިނަ މަޝްރޫޢު ހިންގާ، ޖިހާދު އިސްވެ ކެމްޕޭން ގައި އުޅުއްވި ތިނަދޫ އިން ވެސް ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ ބޮޑު ނާކާމިޔާބެކެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ޖިހާދު ވިދާޅުވި އިރު ރައީސް ޔާމީން ވެސް ވަނީ އިންތިޚާބުގެ ނަތީޖާ އާއި މެދު ސުވާލު އުފައްދަވާފައެވެ. ނަމަވެސް ރައީސް ޔާމީން ވެސް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޙުސޭނު

  ޝުކުރިއްޔާ މޑޕ ޗެއަރ ޕާރސަން ހަސަން ލަތީފް. ތީ ހަމަ ހީރޯއެއް!!

 2. ޑިމޮކްރަޓިސްޓް

  ބޭފުޅާގެ ބޭރުގަ އޮތް އެކައުންޓަށް ކިހާވަރެއް އަޅާލީބާ؟ ޝައްކު.

 3. ދިވެހިރަތްލޭ

  ހީރޯ އާއި ޒީރޯ އަކީ ކޮބައިކަން ނިންމަވާފަރާތުން އެކަން ނިންމަވާދުވަސް އޮތީވަރަށްގާތުގަ. ﷲއަށް ބިރުވެތިވުން މެނުވީ އަލްޓަނޭޓިވް ނެރެޓިވްގޮތެއް އެހިސާބުން ހޯދޭނެ އެއްވެސް މަޚްލޫގެއް ނުވޭ. އެކަލާންގެ ވަހީބަސްފުޅެއްގެ މާނައިގާވަނީ" ހަމަކަށަވަރުން މިދުނިޔެއީ ކެހިވެރިކަމުގެ ވަގުތީއުފަލެއްދޭ އެއްޗެއް ކަމުގައިމެނުވީ ނުވެއެވެ. "

 4. ރައްޔިތުން

  ޕިންކް ކުލައިގެ ކުދީންގެ ބެލުމުގެ ދަށުން ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ވޯޓްލައި އަދި ވޯޓްލާ މަރުކަޒުގައި ޕިންކް ކުދީން ވޯޓް ގުނައި އެމީހުން ނަތީޖާ ކަށަވަރުކޮށް ދެފާތުގެ މީހުންލައްވާ ސޮއިކުރުވައި ނެރެފައިވާ ނަތީޖާ އެއް ދެން ވޯޓް އޮޅުވާލީ އޭ ކިޔާނެ ޖާގައެއް ނެތް. ކުރަން އުޅުނު އެއްކަމެއް ނުކުރެވޭނެ މިވޯޓިން ނިޒާމުގައި އެހެންވެ މި ނިޒާމު އަހަރެމެން ތަޢާރަފް ކުރީ،

 5. އަން

  އެބަެފުޅާ ކުރެއްވީ ކެންޕެއިންތޯ ނުވަތަ އެންޓި ކެންޕެއިންތޯ އެބޭފުޅާކައިރިން އައްސަވަބައްލަވާ. ހަބަރު ލިބޭގޮތުން އެފަޅީގެ މީހުން މޑޕ އާ ޑީލް ހަދާފައި ވަނީ ސަރުކާރުގެ މަގާމްތަކަށް އަންނަން. ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެ ބޮޑުމަންޒަރު

 6. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

  ރައީސް ޔާމީނުވެސް އަދި ނާއިބު ރައީސް ޖިހާދުވެސް އިންތިޚާބުގެ ނަތީޖާއަށް އިންކާރު ކުރައްވާފައި ނުވާކަމަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް ޕީޕީއެމުގެ އެންމެމަތީ މަޤާމު އަދާކުރައްވާ ފަރާތުގެ ޙައިސިއްޔަތުން ޕާޓީގެ މެންބަރުންގެ ރައުޔާއި ތަދުބީރުގެ މައްޗަށް ބަލައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތުގެމައްޗަށް ސުވާލުތަކެއް އުފައްދަވައި ރައީސް ޔާމީނު ވާހަކަފުޅު ދައްކަވާފައިވެއެވެ. މިގޮތުން މިދެކެވޭ ވާހަކަތަކަކީ، ވޯޓުނެގުމާއި ވޯޓްގުނުމާއި ވޯޓުގެނަތީޖާ އިޢުލާނުކުރުމުގައި އަރާފައިވާ އޮޅުމެއްގެ މައްޗަށް ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކެއްކަމަށް ނުބެލުނަސް މިވާހަކަތަކަކީ، ޖުމުލަގޮތެއްގައި އީސީގެ މެންބަރުންގެ މައްޗަށް ވަކިކަމެއް ތުހުމަތުކޮށް ދައްކަވާ ވާހަކަފުޅު ތަކެއްކަމަށްވިޔަސް މިވާހަކަތަކަކީ، މިއިންތިޚާބަށް އެޑްރެސްކޮށް ދެކެވޭ ވާހަކަތަކެއް ކަމަށް ބެލޭނެއެވެ. އެހެންކަމަށްވާނަމަ، އިންތިޚާބާބެހޭ ގޮތުން ޝަކުވާ ހުށަހެޅުމަށް އޮންނަ މުއްދަތުގައި ޝަކުވާއެއް ހުށަހެޅުމާއި، އަދި އެނޫން ގޮތްގޮތަށް އިންތިޚާބުގެ ވާހަކަދެއްކުމާއި މިއީ މުޅިންތަފާތު ދެކަމަކަށްވާއިރު، ސީދާ އެކުރެވޭކަމަކަށް ނުވަތަ އެދެކެވޭ ވާހަކައަކަށް ބަލައި ގޮތެއް ނިންމުމުގެ ފުރުޞަތު އަދި އެޙައްޤު މިރާއްޖޭގައިވެސް އޮންނަންވާނެއެވެ.

 7. ނުރަބޯ

  މިހުރިހާ ދުވަހަކު މީނާއާއިމެދު ހީ ކުރެވިފައިވަނީ މިއީ ވަރަށް އިޚްލާޞް ތެރިއެއްކަމަށް. އެކަމަކު އިޚްލާޞް ތެރިންނަކީ ވެރިމީހާއަށް ނިކަމެތި ކަމެއް ލިބި އޭނާގެ ސަޕޯޓް އެންމެ ބޭނުންވާ ދަނޑިވަޅުގައި އަނެއް އަތައް ފިރާނުލާ ސާބިތުކަން މަތީ ތިބޭ މީހުންނެވެ. މިގޮތުން މިދަނޑިވަޅުގައި މިމައްސަލަ އާއި މެދު މީނާ އެއްޗެއްބުނަންވާނީ ސީދާ ރައީސްގެ ހުއްދަ ލިބިގެންނެވެ.