މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ނެރުނު ވައިޓް އެލާޓްގެ ދަރަޖަ މަތިކޮށް، ޔެލޯ އެލާޓަށް، އެލާޓް ލެވަލް ބަދަލުކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ޔެލޯ އެލާޓް ނެރެފައި ވަނީ ހއ.އަތޮޅާއި ވ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުނު ޔެލޯ އެލާޓްގައި ވަނީ އެލާޓް ނެރުނު ސަރަހައްދުތަކަށް އާންމު ގޮތެއްގައި ވައި ޖެހޭނީ 30 މޭލާއި 40 މޭލާއި ދެމެދުގައި ކަމަށާއި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ، ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 16:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަަމަށެވެ. އަދި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

ޔެލޯ އެލާޓް ނެެރެފައި ނުވާ ސަރަހައްދު ތަކަށް ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައިއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ހުރިހާ ފަރާތުތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.