މިހާރު ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރައިގައި މިއަދު ވެސް ބޯކޮށް ވާރޭ ވެހި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ވައިޓް އެލާޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ބ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ވައިޓް އެލާޓް ނެެރެފައި ވަނީ މިއަދު ހަވީރު 16:30 އަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ވައިޖެހޭނީ ހުޅަނގާއި ހުޅަގުއުތުރުން، މެދުތެރޭގެ އަތޮޅުތަކުގައި ގަޑިއަކު 20 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކުގައި ގަޑިއަކު 15 މޭލާ 23 މޭލާ ދެމެދުގެބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާ 50 މޭލުގެދެމެދުގެ ބާރިމިނަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާހިސާބެއްގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.