ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް، މި ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް އަދި މިހާރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު އާ ބައްދަލުކުރައްވައި ރާއްޖެ ވަޑައިގެންނެވުމުން މަރުޚަބާ ދަންނަވައިފިއެވެ.

ޑރ.ޖަމީލް އާ ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް މައުމޫން ވިދާޅުވީ، މި ބައްދަލުކުރެއްވުމަކީ ޖަމީލަށް މަރުޚަބާ ދަންނަވައި ކުރިއަށް އޮތްތަނުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތާމެދު މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

"އެމަނިކުފާނާ މިއަދު އަޅުގަނޑު ބައްދަލުކޮށްލީ އެމަނިކުފާނު މާލެ ވަޑައިގަތުމުން މަރުޚަބާ ދަންނަވައި އަދި ކުރިއަށް އޮތްތާނގައި އެންމެން ގުޅިގެން ދިވެހިރާއްޖޭގެ މަސްލަހަތައްޓަކައި، ދިވެހި ރައްޔިތުންގެ ފައިދާއާ ލާބަޔަށްޓަކައި މަސައްކަތް ކުރަން ބޭނުންވާތީ އެކަމުގައި މަޝްވަރާ ކޮށްލަން" މަޢުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ، ދިވެހި ރައްޔިތުން އިންތިޚާބުކުރި އެންމެ ފުރަތަމަ ނައިބު ރައީސަކީ ޑރ.ޖަމީލް ކަމަށާއި، އެއީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އޭރު ނައިބު ރައީސް ކަމަށް ޖަމީލް އިންތިޚާބު ކުރީ ވަރަށް ބޭނުންތެރި، ވަރަށް މުހިންމު މަޤްޞަދުތަކެއް އޮވެގެން ކަމަށްވެސް މަޢުމޫން ވިދާޅުވިއެވެ.

ނަމަވެސް ސިޔާސީ ގޮތުން ދިމާވި މައްސަލަތަކަކާ ގުޅިގެން މަޤާމުން ދުރުކޮށް، ރާއްޖެއިން ބޭރަށް އަރުވާލެވިގެން ގިނަ ދުވަސްތަކެއް އުޅުއްވަން ޖެހިފައިވާ ކަމަށް ވިދާޅުވެ، މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންނަށްޓަކައި ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވަނީ ވަރަށް ބޮޑު ގުރުބާނީތަކެއް ވެވަޑައިގެންފައި ކަމަށެވެ.

"އެންމެ ފުރަތަމަ އެމަނިކުފާނު މިނިސްޓަރަކަށް ވެވަޑައިގެންނެވީ އަޅުގަނޑުގެ ދައުރުގައި، އޭގެ ފަހުންވެސް އަދި ކުރިން އަޅޫގަނޑުގެމް ދެމީހުން ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް އޮވޭ. އެގުޅުން އިތުރަށް ބަދަހިކޮށް އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތްތާނގައި އެންމެން ގުޅުގެން މަސައްކަތް ކުރުމުގެ ބޭނުން އޮތުމާ އެކީގައި އަޅުގަނޑު އެމަނިކުފާނާ ބައްދަލުކޮށްލީ" މަޢުމޫން ވިދާޅުވިއެވެ.

އިތުރަށް މައުމޫން ވިދާޅުވީ، އަލަށް އުފެދޭ ސަރުކާރުގައި ހުރިހާ ގޮތަކުންވެސް ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަތަކާއެކު ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި ކޯލިޝަންގެ ފަރާތުން އިންތިޚާބުކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ސާބިތުކަމާއެކު، ވަރަށް ހަރުދަނާކަމާއެކު ހުންނެވި ކަމަށެވެ.

މަޢުމޫން ޑރ.މުޙައްމަދު ޖަމީލް އަޙްމަދު އާބައްދަލުކުރެއްވިއިރު، މީގެ ކުޑަ އިރުކޮޅެއް ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާވެސް ވަނީ ބައްދަލު ކުރައްވާފައެވެ. ހަމައެއާއެކު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ފައިސަލް ނަސީމްއާ ވެސް މަޢުމޫން ވަނީ ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    ހީވަނީ މައުމޫނު ކޮންޓްރޯލް ކުރާ ސަރުކާރެއްހެން.
    ޢަންނި މައުމޫނު އިބޫ ޤާސިމް ތަޅާފޮޅާ މަންޒަރު ބަލަން ކެތްމަދުވެފަ މިހުންނަނީ

    • ނަސީމް

      ހަމަ ހަގީގަތުގަ ވެސް.

  2. ބިރު

    އިންސާނެއްގެ މަސްކެއުމަށް ކަޅިއަޅަމުންގެންދާ މިނިކާވަގުން ތަކެއްހެން ތިލާދީނީ ބައިގަނޑު ރަޢިއްޔަތުންގެ ޚަޒާނާ ފެންތައްޓެއް ބޯލާހެން އަވަހަށް ބޯލުމައް ކެއްމަދުވެފަ ތިބިގޮތް ބަލާބަލަ ނިކަންދެލޯ ބޮޑު ކޮށްގެން ސާބަހޭ 30 އަހަރު ޤައުމު ދިރުވާލާފަހި ބޮޑުބަލާވެރިކަމެއް