ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލައިގައި ޖަލަށް ލާފައިވާ މެޖިސްޓްރޭޓް އަހްމަދު ނިހާން ކަފާލާތުގެ ދަށުން ދޫކޮށްލުމާއި މެދު ހައިކޯޓުން ގޮތެއް ނިންމަން ތައްޔާރުވެއްޖެއެވެ.

ނިހާންގެ މައްޗަށް ސާބިތުވެފައިވާ ހަތަރު ދައުވާގެ ތެރެއިން މިއަދު އޮތީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ރޭވުމުގެ ކުށުގެ ދައުވާގެ އިސްތިއުނާފް ޝަރީޢަތެވެ.

ޝަރީޢަތުގައި ނިހާންގެ ޤާނޫނީ ވަކީލް ހަސަން ފަލާހް ވިދާޅުވީ ހައިކޯޓުގެ ޤަވައިދުގެ ދަށުން ނިހާން ކަފާލާތުގެ ދަށުން ދޫކޮށްލެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެއީ ނިހާން އަކީ ޓެރަރިޒަމްގެ އަމަލެއް ހިންގި މީހެއް ނޫން ކަމަށް ވާތީ ކަމަށެވެ.

ނަމަވެސް ދައުލަތުގެ ވަކީލް ކޯޓުގައި ވިދާޅުވީ ނިހާން ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުންނާއި ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޝަރީޢަތުގައި ވާހަކަ ދައްކަމުން ނިހާން ވިދާޅުވީ އޭނާ ޖަލުގައި އޮންނަ ގޮޅިއަށް ސާފު ވައި ވެސް ނުވަންނަ ކަމަށާއި ގޮޅީގައި ފަންކާ ވެސް ނުހުންނަ ކަމަށެވެ. އެކަށީގެންވާ ވަރަށް ވުރެ ގަދަ ހޫނެއްގައި އޭނާ އޮންނަން ޖެހޭ އިރު އެކަށީގެންވާ ގޮދަޑިއެއް ޑޮކްޓަރު ލިޔުން ދެއްވުމުން ވެސް ފޯރުކޮށްދީފައި ނުވާ ކަމަށް ނިހާން ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މައިކަށްޓަށް ގެއްލުން ލިބި މިހާރު ވެސް ފަރުވާ ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނިހާން ވިދާޅުވީ ޖަލުގައި އޭނާ އަށް ގެންދަނީ ޓޯޗާ ކުރަމުން ކަމަށެވެ. އެހެން ކުށްވެރިންނާއި އެކު ކޮރިޑޯ އަށް ނިކުތުމުގެ ހުއްދަ ވެސް އޭނާ އަށް ނުލިބޭ އިރު ގޮޅިގައި އޮންނަން ޖެހެނީ އެކަކި ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އޭނަ އަށް ވަކީލަކާއި ބައްދަލު ނުވޭތާ ވެސް ހަމަސް ދުވަސް ވެއްޖެ ކަމަށެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވީ ނިހާން ކަފާލާތުގެ ދަށުން ދޫކޮށްލުމާއި މެދު މިއަދު ގޮތެއް ނިންމަވާ، ނިންމެވި ގޮތެއް ވަކީލުންނަށާއި ދައުލަަތައް އަންގަވާނެ ކަމަށެވެ.

މިއަދުގެ ޝަރީޢަތުގައި ކުރިއަށް ގެންދިޔައީ މައްސަލަ އިސްތިއުނާފް ކޮށް ނިހާންގެ ފަރާތުން ހުށަހަޅާފައި ހުރި ކަންކަމަށް ދައުލަތުން ޖަވާބުދާރީ ވުމެވެ.

ދިފާޢީ ހެއްކެތް ހާޒިރުނުކޮށް ޝަރީޢަތް ކުރިއަށް ގެންދިޔަ ކަމަށް ނިހާން ފާހަގަ ކޮށްފައިވާ ޕޮއިންޓަށް އިޝާރާތް ކޮށް ދައުލަތުން ބުނީ ދިފާޢީ ހެއްކެތްގެ ގޮތުގައި ނިހާން ހުށަހެޅި ފަރާތުން ޝަރީޢަތައް ހާޒިރުވެ ހެކިބަސް ދޭން ދެކޮޅު ހަދާފައިވާ ކަމަށާއި އޭނާގެ ހެކި ބަސް ނުނެގުނީ އެހެންވެގެން ކަމަށެވެ.

ސިއްރު ހެކިން ހުށަހެޅުމުން އެމީހުންގެ އަދުލްވެރިކަން ދެނެނުގަނެވުނު ކަމަށް ނިހާންގެ ފަރާތުން ބުނެފައި ވާތީ ދައުލަތުން ބުނީ ސުޕްރީމް ކޯޓުން 2010 ވަަނަ އަހަރުގެ އެއް ނަމްބަރު ގަޒިއްޔާގައި ކަނޑައަޅާފައިވާ އަދުލްވެރި ހެކިވެރިިންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް މިމައްސަލައިގައި ހުށަހެޅި ހެކިންގެ ކިބައިގައި ހުރިކަން ދައުލަތުން ކަށަވަރު ކޮށްފައި ވާނެ ކަމަށެވެ.

އޭގެ އިތުރުން ހަތަރު ދައުވާ އެއް ޝަރީޢަތެއްގައި ކުރިއަށް ގެންދިއުމަކީ ވެސް ޤާނޫނާއި ހިލާފު ކަމެއް ކަމަށް ނިހާންގެ ފަރާތުން ބުނެފައި ވެއެވެ. ނަމަވެސް ދައުލަތުން ބުނީ އެއް މައްސަލައެއްގައި ކުރާ ދައުވާތަކެއް އެއް ޝަރީޢަތެއްގައި ކުރިއަށް ގެންދިއުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ބަލައިގެންފައިވާ އުސޫލެއް ކަމަށެވެ. އެގޮތައް ޝަރީޢަތް ކުރިއަށް ގެންދިޔަ ނަމަވެސް ޤާނޫނު އަސާސީގެ 51 ވަނަ މާއްދާ އިން ލިބޭ ހުރިހާ ޙައްޤެއް ކަށަވަރު ކޮށްދީފައި ވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުން ބުނީ ޝަރީޢަތް ކުރިއަށް ގެންގޮސްފައި ވާނީ ހަމަހަމަ ފުރުސަތުތަކެއް ދީގެން އަދި ޖަވާބުދާރީ ވާން ވެސް އެކަށީގެންވާ ފުރުސަތު ދީގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުން

    ކަފާލާތު އޮންނަންޖެހޭ ހުރިހާ ކުށްވެރިންނަށްވެސް

  2. ރޮންދާ

    ކަފާލާތުގެ ދަށުން ހުރިހާ ކުށްވެރިން ދޫކޮއްލާފަ، ކުށްނުކުރާ ހުރިހާ އެންމެނަށް އަދަބުދީ ...