ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައި އޮތް ޙުކުމް ހައިކޯޓުން ބާތިލްކޮށް އޭނާ މިނިވަންކޮށްފިއެވެ.

ހައިކޯޓުން ދެންމެ ބާތިލް ކޮށްފައި ވަނީ ރައީސް ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ތައްޔާރު ކުރި މައްސަލައިގައި މުހުތާޒްގެ މައްޗަށް އިއްވާފައިވާ 17 އަހަރުގެ ޖަލު ޙުކުމެވެ.

ހައިކޯޓުގެ ޙުކުމުގައި ވިދާޅުވީ ކޯޓުން އަމަލު ކުރަނީ އިންސާފުވެރިކަމާއި އެކުގައި ކަން ދެނެގަންނާނީ މައުޟޫޢީ މިންގަނޑަކުންކަމާއި އެމިންގަނޑަކީ މައްސަލައިގެ ޚަސްމުންވެސް ހިމެނޭ ގޮތުން އަދި ޢާއްމު ފަރުދުންގެ ނަޒަރުގައިވެސް ޝަރީޢަތް ހިންގިފައިވަނީ އިންސާފުންކަން ކަށަވަރުވެފައި އޮތުންކަމާއި، މިހެންވެ އިންސާފުން ޝަރީޢަތް ހިންގިކަމާމެދު ސުވާލުއުފެދޭނެ އަދި އެކަމުގައި ހުރަހަކަށްވެދާނެ އެއްވެސް ކަމެއް ނުވަތަ ޝައްކެއް އޮވެއްޖެނަމަ އެކަމަކުން ދުރުވުމަކީ ޢަދާލަތު ޤާއިމުކުރުމަށް ނުހަނު މުހިއްމުކަމެއްކަމާއި "ހަމައެކަނި ޢަދާލަތު ޤާއިމުވުމުން ނުފުދޭކަމާއި ޢަދާލަތު ޤާއިމުވާކަން އިޙްސާސްވުމާއެކު އެކަންފެންނަންވާނެ" ކަމީ ޝަރީޢަތްކުރުމުގައި ޤާއިމުވެ އަދި އެއަށް ޢަމަލުކުރަމުން އަންނަ އެއް މަބްދައު ކަމަށެވެ.

އެމިންގަނޑުން ޝަރީޢަތް ހިންގުމަކީ ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ބުރަވެ މައުޟޫޢީ މިންގަނޑަކުން ޝަރީޢަތްކުރުމުގެ އިޖުރާއާތުތައް ހިންގުމުގެ އިތުރަށް މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް ބަލައި ޢަދުލު އިންސާފު ގެ އެންމެހައި ހަމަތަކާއި އުސޫލުތައް ދެމެހެއްޓޭނެ ގޮތެއްގެ މައްޗަށް މައްސަލަ ހިންގުންކަން އެނގޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިން ކަނޑައަޅުއްވާފައިވާކަމާއި، ނަމަވެސް މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މިމައްސަލަ ކްރިމިނަލް ކޯޓަށް ބަލައިގަނެ މައްސަލައިގެ ޝަރީޢަތް ހިންގާފައިވަނީ މިފާހަގަކުރެވުނު ފަދައިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީޢަތްކުރުމާގުޅޭ ގިނަ ޙައްޤުތަކުން މުޙްތާޒު މަހްރޫމް ވެފައިވާ ކަމަށެވެ.

މުޙްތާޒު މުޙްސިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ޢަމަލެއްކުރަން އުޅުމާއި ބައިވެރިވުމުގެ ކުށުގެ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކިޤަރީނާ ލިބިފައިނުވާތީ، ކްރިމިނަލް ކޯޓުމް މުޙްތާޒުގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއްކުރަން އުޅުމާއި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށް ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެފައިވާކަމަށް ޙުކުމުގައި ވެއެވެ.

ހައިކޯޓުން މިއަދު މުހުތާޒު މިނިވަން ކުރިއިރު ފޭކް ކޯޓު އަމުރު ނެރުމުގައި ބައިވެރިވި މާމިގިލީ ކޯޓުގެ އޭރުގެ މެޖިސްޓްރޭޓް އަހްމަދު ނިހާން މިނިވަން ކުރަން ވެސް އިއްޔެ ހައިކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަލަކް

    ސުބުޙާނައްﷲ ކޯޓްތަށް މިނިވަންވަމުންމިދަނީ ހާދަހާ ބާރުސްޕީޑްގައި ގަޑިޔަކު 100

    މޭލު ބާރުމިނުގައި ޖީބުގަ ވަރުހިރިއްޔާ އިންސާފުވަރަށް ބޮޑުވާނެ

  2. މޯޑް

    ނޯ ކޮމެންޓް. މި އޮތީ ވާ ޤައުމެއް.

  3. މިއަދު

    ކަލޯ ގަޔާ އެދުވަހު ތިފަޑިޔާރުން ބެލީ ކޮންޤާނޫނެއް ކަލޭމެނަށް ޤަނޫނީގޮތުން ބަރުއޮވޭތަ ރައިސްގެ މޫނަށްބަލަފައި ޙުކުމްކުރުމުގެ ބާރު ފަތުގައި ނުލިއުއްވާގޮތަށް

  4. Anonymous

    އެހެންވީމާ ރާއްޖޭގައި ހިގައިދިޔަ ހަމަނުޖެހުމަކީ ކޯޓް ތަކުގެ ސަބަބުން ހިނގައިދިޔަ ކަންތައްތަކެއްތާ!!!!!!!

  5. ޖޮއްބެ

    ބަޣާވާތުގެ ސަރުކާރެއްގައި ބާޣީން ބަންދުކޮށްފައި ތިބޭތަ؟