ނިމިދިޔަ ސެޕްޓެންބަރު މަސް ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 110 މައްސަލައެއް ހުށަހެޅިފައިވާކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު މިދިޔަ މަހުގެ ތަފާތު ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ ތެރޭގައިވެސް އެންމެ ގިނައިން ހުށަހެޅިފައި ވަނީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެގޮތުން ސެޕްޓެންބަރު މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ ތެރެއިން 46 އިންސައްތަ މައްސަލައަކީ ކުޑަކުދިންނަށް އެކި އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކުޑަކުދިންނާއި ގުޅޭގޮތުން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 37 މައްސަލައަކާއި، ޖިންސީ ހާނީއްކައިގެ 24 މައްސަލައަކާއި، ޖިސްމާނީ ހާނީއްކައިގެ 23 މައްސަލައަކާއި، ނަފްސާނީ ހާނީއްކައިގެ 11 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ ވަނީ މިދިޔަ މަސް ތެރޭގައި ހުށަހަޅާފައެވެ.
އަދި މީގެ އިތުރުން، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 7 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަވެސް ހިމެނެއެވެ. އަދި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 7 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.
އަދި ޢާއިލީ 20 މައްސަލައެއް ހުށަހެޅުނުއިރު، އޭގެ ތެރޭގައި ހިމެނެނީ ކުދިންނާ ބައްދަލުނުކުރެވޭ 8 މައްސަލައާއި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 6 މައްސަލަ އަދި ކުދިން ބެލުމުގައި ދިމާވާ 5 މައްސަލައެވެ.
އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 17 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާއިރު، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 25 މައްސަލައަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 7 މައްސަލައަކާއި، އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 6 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.