ފަނޑިޔާރުންގެ ގާނޫން އިސްލާހު ކުރަނީ, ޝަރުއީ ނިޒާމުގެ ތެރެއިން ބަޣާވާތެއް ގެންނަން އުޅުމުން ވެސް ފަނޑިޔާރުންނާއި މެދު ފިޔަަވަޅެއް އެޅޭނެ ގޮތެއް ނެތިގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހާއި ގުޅޭ ގޮތުން ބަހުސް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މި ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ނިންމީ، މިދިޔަ މަހު އެެއްވަނަ ދުވަހު ސްޕްރީމު ކޯޓުން އަމުރު ނެރެން އިސްކޮށް އުޅުއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ފިޔަވަޅު އެޅޭނެ ތަނެއް މިހާރު އޮތް ގާނޫނުން ނުލިބޭތީ ކަމަށެވެ.

"ޝަރުއީ ނިޒާމުގެ ތެރެއިން ބަޣާވާތެއް ގެންނަން މަސައްކަތް ކުރި ކަމަށް ދެ ފަނޑިޔާރުންނަށް ތުހުމަތު ކުރެވުނު ނަމަވެސް އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުމަަށް މިހާރު އޮތް ގާނޫނުތަކުން ޖާގަ ނުލިބޭ. އެހެންކަމުން ވީހާވެސް އަވަހަށް އެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ" އަބްދުލްރަހީމް ވިދާޅުވިއެވެ.

ގާނޫނުތައް ހެދުމާއި އިސްލާހު ކުރުމަކީ މަޖިލީސް މެންބަރުންގެ މައްސޫލިޔަތެއް ކަމަށް ވިދާޅުވެ އަދުރޭ ވިދާޅުވީ މި ހާލަތުގައި ކަންކަން އަވަހަށް ބަދަލު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރެވޭތީ މިއަދުން މިއަދަށް ކޮމިޓީ މަރުހަލާ ވެސް ނިންމާލައި، ފާސް ކުރަން ޖެހޭ ކަމަށެވެ،

ފަނޑިޔާރުންގެ ގާނޫނަށް އަބްދުއްރަހީމް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ.

އަދި ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ޖޭއެސްސީއިން އެ ފަނޑީޔަރަކު ސަސްޕެންޑު ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ޖިނާއީ ދައުވާއެއް އުފުލައިފި ނަމަ މުސާރަކަނޑާލަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން އިސްތިއުނާފު ކުރުމަށް ހުށަހެޅޭނެ މައްސަލަ ނިމޭތާ 10 ދުވަސް ތެރޭގަ ކަމަށާއި އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާތާ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލުމަށް މަހުޖަނުންނާއި ކުރީގެ ރައީސުންނާއި ގުޅިގެން ޝަރުއީ ދާއިރާގައި ތިބި ބަޔަކު ގެންނަން އުޅުން ބަޣާވާތަކާ ގުޅިގެން ކަމަަށެވެ.