ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ޕްރައިވެޓް ކޮލެޖްތަކުގެ ތެރޭގައި ހިމެނޭ އެވިޑް ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށަން ހަމަޖެހިފައިވާ ކޯސްތައް ކުރުމަތިލުމަށް ހުޅުވާލައިފިއެވެ.

އަންނަ ޖެނުއަރީ މަހު އެވިޑް ކޮލެޖުން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާސް ލެވެލްގެ 45 ކޯހަށްވުރެ ގިނަ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިތުރު އާ ހަތް ކޯހެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެވިޑް ކޮލެޖުން ވަނީ ބުނެފައެވެ.

އެވިޑް ކޮލެޖުން އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާ އާ ކޯސްތަކުގެ ތެރޭގައި

1 ޝަރީއާ އެންޑް ލޯ (ފުރަތަމަ ޑިގްރީ)

2 ޝަރީއާ އެންޑް ލޯ (މާސްޓާސް)

3 ދިވެހި ބަހުގެ ޓީޗިންގ (މާސްޓާސް)

4 ސްޕެޝަލް އެޑިއުކޭޝަން (ޑިގްރީ)

5 ސައިކޮލޮޖީ (ޑިޕްލޮމާ)

6 އިންފޮމޭޝަން ޓެކްނޮލޮޖީ (މާސްޓާސް)

އެވިޑް ކޮލެޖުން އަންނަ އަހަރު އަލަށް ފަށާ ޕްރޮގްރާމްތައް ޑެވެލޮޕް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި އަންނަ އަހަރު ފެށުމަށް ހަަމަޖެހިފައިވާ ހުރިހާ ޕްރޮގްރާމްތަކަށް ކުރިމަތިލުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.

އެވިޑް ކޮލެޖުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮލެޖްގެ ވައިސް ރެކްޓަރ، ޑރ. އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ކޮލެޖުން ހަމައެކަނި ކުދިންނަށް ފޯރުކޮށްދެނީ ތިއަރީތަކެއް ނޫންކަމަށެވެ. އެގޮތުން އެ ކުދިންނަކީ މިހާރު ވަޒީފާގެ ބާޒާރަށް ތަންތަނުގެ މެނޭޖަރުންނާއެކު މަސައްކަތް ކުރަން އިނގޭ ފެންވަރުގެ ކުދިންނަށް ހަދަން ބޭނުންވާކަމަށް ޑރ. އަބްދުﷲ ރަޝީދު ފާހަގަކުރެއްވިއެވެ.

"ހަމައެކަނި ތިއަރީތަކެއް ދީފައި ޓެސްޓުކޮށްފައި ނެރޭ ކުދިންތަކެއް ނޫނޭ އެވިޑް ކޮލެޖުގެ ގްރެޖުއޭޓުންނަކީ. ކުރިއަށް އޮތްތަނުގައި ދިވެހި ރާއްޖޭގެ އޮފީސްތަކުގެ ބަޒާރުގައި އަދި ސްކޫލްތަކުގެ ފާހަަގަކޮށްލެވޭ ކުދިންނަށް ހެދުމޭ އަޅުގަނޑުމެންގެ އެދުމަކީ". ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ޑރ އަބްދުﷲ ރަޝީދު ވިދާޅުވީ، ޖެނުއަރީ އިންޓޭކަށް ފެށުމުގެ ކުރިން އެ ކޮލެޖުން ޓީޗިންގ ސްޓޭންޑާޑެއް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ދިވެހި ރާއްޖޭގެ ކޮލެޖެއްގައި މިފަދަ ސްޓޭންޑާޑެއް ގާއިމް ކުރި ފުރަތަމަ ފަހަރެވެ. އަދި އެ ތައްޔާރުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ޓީޗިންގ ސްޓޭންޑާޑަކީ ގައިޑްލައިނެއް ކަމަށް ބަލައިގެންނެވެ.

"އެވިޑް ކޮލެޖުގައި އަޅުގަނޑުމެން މިހާރު ވާނީ ޓީޗިންގ ސްޓޭންޑާޑް ކަނޑައަޅާފައި. އެހެންވީމަ ރަސްމީކޮށް ޓީޗިންގ ސްޓޭންޑާޑް ލޯންޗކޮށްގެން ޖެނުއަރީ އިންޓޭކްގައި ކިޔަވަން ފަށާނީ". ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އަންނަ ޖެނުއަރީ މަހު ކިޔަވާދޭން ފަށާނީ އެވިޑް ކޮލެޖުގެ ޓީޗިންގ ސްޓޭންޑާޑް އަށް ކަމަށްވެސް ޑރ އަބްދުﷲ ރަޝީދު ފާހަގަކުރެއްވިއެވެ.