މި މަސް ތެރޭގައި އެސްޓާސް އިން ވައްކަންކޮށްގެން ލެޕްޓޮޕްތައް ނެގި ތިން މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.

އެސްޓާސްގެ އޮފިޝަލަކު ވިދާޅުވީ، އެސްޓާސްއިން ލެޕްޓޮޕް ވަގަށް ނެގި މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވާކަމަށެވެ. އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެ މައްސަލާގައި މިހާރު ހައްޔަރުކޮށްފައި ވަނީ އެންމެ ގިނައިން ލެޕްޓޮޕް ވަގަށް ނެގި މީހާއެވެ. އެ މައްސަލާގައި ހިމެނޭ އިތުރު މީހުން ހޯދުމުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.

އެސްޓާސް އިން ވައްކަންކޮށްގެން ނަގާފައިވަނީ ހަަތް ލެޕްޓޮޕެވެ. އެ ލެޕްޓޮޕްތަކުގެ އަގު 70000 އަށް އަރައެވެ. މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާއި ހަމައަށް އެކި ދުވަސް މަތިން އެސްޓާސްގެ ބޮޑު ފިހާރައިން ހަތް ލެޕްޓޮޕް ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަނީ، ތިން ފިރިހެނަކު އެކި ދުވަސްމަތިން ސްޓާފެއް، ކައިރީގައި ނެތް ވަގުތެއް ބަލާފައި ލެޕްޓޮޕްތައް ވަގަށް ނަގައިގެންދާ މަންޒަރެވެ. އަދި އެ ލެޕްޓޮޕްތައް ނެގުމަށްފަހު އެ މީހުން އެ އެއްޗެހި ގެންދަނީ ހެދުން ދަށަށް ލައިގެންނާއި، ފަޓުލޫނު ތެރެއަށް ލައިގެންކަން ވީޑިއޯ އިން އެނގެއެވެ.

މާލޭގެ ބޮޑެތި ފިހާރަތަކުން ވައްކަން ކުރަމުންދާ މައްސަލަތައް މި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    ލެޕްޓޮޕެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ނޫންތަ ވަގަށްނެގީ

  2. މުހައްމަދު

    ކީއްކުރަންތޯ އަތުލަނީކީ އެއީ ކުށެއްނޫން އަވަހަށް ދޫކުރަންވީ އަލްހާނަށް އިނގޭނެ މިކަން ޖަޒީއްރާ ރާއްޖޭގަ ކުށެއް ނުކުރާނެ ހުސް ރަގަޅު މީހުންތިބޭނީ