ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ސުޕާރީ އަދި އެނާޖީ ޑްރިންކް މަނާކޮށްފިއެވެ.

ޔުނިވާސިޓީން ނެރުނު އުސޫލުގައި ބުނެފައިވަނީ ޔުނިވާސިޓީގެ ކެންޓީންތަކާއި، ޔުނިވާސިޓީން ހިންގާ އިތުރު ހަރަކާތްތަކުގައި އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކްސް އަދި ސުޕާރީ ބޭނުން ނުކުރެވޭނެ ކަމަށާއި އަދި މި ބާވަތްތަށް ލިބޭނެގޮތަށް ނުބެހެއްޓޭނެ ކަމަށެވެ.

އަދި މީގެ އިތުރުން ޔުނިވާސިޓީގެ މުވައްޒަފުން އަދި ދަރިވަރުން ވެސް އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކެއް އަދި އެއްވެސް ބާވަތެއްގެ ސުޕާރީއެއް ޔުނިވަސިޓީއަށް ގެނައުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.

މި އުސޫލުތަށް ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް ލިޔުމުން މިހާރު ވަނީ އަންގާފައެވެ. މި ނިންމުން ނިންމާފައިވަނީ ގައުމީ ޔުނިވާސިޓީގެ އިސްބައެއް ބޭފުޅުންގެ ބައްދަލުވުމަކަށް ފަހުއެވެ.

އަދި އެނާޖީ ޑްރިންކްސް އަދި ސްޕާރީ އިޝްތިހާރުކުރުންފަދަ އެއްވެސްކަމެއް ނުކުރުމާއި، ޔުނިވާސިޓީގެ އެއްވެސް ހަރަކާތަކަށް އެނާޖީ ޑްރިންކް އަދި ސްޕާރީގެ ސްޕޮންސަރޝިޕް ނުހޯދުމަށް ވެސް ވަނީ އަންގާފައެވެ.

މި އުސޫލު ތަކާއިގަވާއިދުގެ ބޭނުމަކީ އެނާޖީ ޑްރިންކާއި އަދި ސުޕާރީއިން ސިއްހަތަށް ލިބޭ ގެއްލުން ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުން ރައްކާތެރިކުރުމެވެ.

އެ ނިންމުމާ ގުޅިގެން ޔުނިވާސިޓީގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ފާޑުކިޔަމުންދާއިރު ބައެއް ދަރިވަރުން ބުނެފައިވަނީ ޖުމުލަ ގޮތެއްގައި ގައުމީ ޔުނިވާސިޓީގެ އިސްވެރިންގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް އެ ނިންމުން ހަގީގަތުގައި ނިންމަން ވާނީ ޔުނިވާސިޓީގެ ކައުންސިލުން ކަމަށެވެ.

ގައުމީ ޔުނިވާސިޓީން މިފަދަ އުސޫލުތަކެއް ކަނޑައަޅާފައިވާއިރު ރަސިލީ ސްޕާރީ ހޯލްސޭލްކޮށް ލިބޭ އަގު ވަނީ ވަރަށް ބޮޑަށް މަތި ވެފައެވެ. މިހާރު ބާޒާރުން ރަސިލީ ސްޕާރީ ކޭހެއް ލިބެންހުރީ 2300 ރުފިޔާއަށެވެ.

މިއީ މިއަހަރު ރަސިލީ ސްޕާރީގެ އަގު ބޮޑުވި ދެވަނަ ފަަހަރެވެ. މިއަހަރު އަގު ބޮޑުވުމުގެ ކުރިން ރަސިލީ ސްޕާރި ކޭހެއް ހުރީ 1050 ރުފިޔާ އަށެވެ. އަގު ބޮޑުވުމުން ރަސިލީ ސްޕާރީ ކޭހެއް ލިބެނީ 1500 އަށެވެ. އަނެއްކާ ވެސް އަގު އިތުރަށް އުފުލުމުން މިހާރު ރަސިލީ ސްޕާރީ ޕެކެޓެއް ވަކިން ގަންނަން ލިބޭ ވަރު ދެރުފިޔާ އަށް ވުރެ ވެސް މަތި ވުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އޮފީސްތަކާ ކޮލެޖު ތަކުގަވެސް މަނާ ކުރަންވީ.. ސިއްހަތަށް ގެއްލުންހުރިތަޖެތި..މާ ހިތްމަތިވެގެން އަގު ބޮޑުކުރަންތީ ދެން ކޯއްޗެއް..ރަސިލީ ވެސް އިނދަޖައްސާލަންވީ ރެޑްބުލްއަށް ވީހެން ސައިޒުވާނެ

    • ރެޑްބުލް ސައިޒްވީއޭތޯ؟ ދުނިޔޭގެ އެތައް ޤައުމުތަކެއްގައި ޤާއިމުކުރެވިފައިވާ ބޮޑު ކުންފުންޏެއް ހަމައެކަނި ރާއްޖޭގައި މަނާކޮށްލާ މަނާކޮށްލުމަކުން އިނދަޖެހޭނެޔޭ ބުނީމަ މަ ގާތަށް އަންނަނީ ހިނި! 🙂

  2. އެހެންވީމަ މަޑިސީލައެއް ގެންދިޔަސް އޯކޭ ވާނެ ދޯ.

  3. ސަލައިމާނު

    ތިޔަ ފެށި ހިސާބު ގޯސް ކުދިން ދެން ވިސްނާނީ ހަމަ އިތުރަށް ބޯން. ކުދިންގެ ވިސްނުމާއި ޚިޔާލަށް ނުބަލައި ކަންކަން މަނާކުރީމާ ބޯހަރުވާނެ. ކަންކަން ބަދަލުކުރެވޭނީ ކުދިންގެ ވިސްނުމަށް އެކަން އައިސްގެން