ގޭންގުތަކާއި ބައެއް ފަނޑިޔާރުންނާއި އޮންނަ ގުޅުންތަކަކީ ސިއްރެއް ނޫން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުގެ ބެންޗަށް އަރާ ޒުވާނުންތަކެއް ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިޔާގައި އާއްމުވެފައިވާ ދަނޑިވަޅެއްގައެވެ.

މަހުލޫފް ވިދާޅުވީ އެ ފޮޓޯތައް ފެނުމުން ހައިރާން ނުވާ ކަމަށާއި ގޭންގުތަކާއި ބައެއް ފަނޑިޔާރުންނާއި އޮންނަ ގުޅުންތަކަކީ ސިއްރެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތަށް އަދި އެ ޒުވާނުން ކުށްކުރުމުން ދުރުކުރަން އެފަދަ ފަނޑިޔާރުން މަގާމުން ދުރުކުރަންޖެހޭ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

އެ ތިން ޒުވާނުން ފޮޓޯ ނަގާފައިވަނީ ޖުވެނައިލް ކޯޓު ތެރޭގައި ކަމަށްވާއިރު، މައުލޫމާތު ލިބޭ ގޮތުގައި އެ ޒުވާނުންނަކީ އެ ކޯޓަށް ހެކި ބަސް ނެގުމަށް ގެންދިޔަ ޒުވާނުންތަކެކެވެ. ނަމަވެސް މިއީ ކޮން ދުވަހެއްގައި ނަގާފައިވާ ފޮޓޯތަކެއްކަން ސާފެއް ނުވެއެވެ،

ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޒުވާނުން ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެ ތިބޭ މަންޒަރު ފެނެއެވެ. އެ ފޮޓޯތައް ނެގިއިރު ޝަރީއަތުގެ މަޖިލީހަށް ފޯނު ވެއްދުމަކީ މަނާ ކަމެކެވެ.

މި ފޮޓޯތައް މީސް މީޑިޔާގައި އާއްމުވެފައިވާއިރު ބައެއް ފަރާތްތަކުން އަންނަނީ މި މައްސަލަ ފުލުހުންނާއި ކޯޓުތަކުން ބަލަންޖެހޭ ކަމަށް ބުނެފައެވެ. އަދި މިކަމުގައި ފުލުހުންގެ އިހުމާލު އެބައޮތް ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕަސކާސް

    ގޭންގުތަކާއި މަހުލޫފާއި އޮންނަގުޅުމޯ..؟

  2. Anonymous

    ރައީސް ޔާމީންއާއެކު ފުޓުސަލް ކުޅެން އާރަށައް މަހުލޫޓު ވެސް ދިޔާމެއްނު