ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު، ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިން ކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެއް މިއަދުވެސް ބާއްވަން ކްރިމިނަލް ކޯޓުން ނިންމައި މިއަދަށް މައްސަލަ ތާވަލުކޮށްފިއެވެ.

ފާރިސްގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ދިނުމުގެދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމަށް އިއްޔެވެސް ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވާއިރު، މިއަދުގެ ރީއައަތް ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 02:30 ގައެވެ.

މި މައްސަލައިގެ އިއްޔެ ޝަރީއަތުގައި ސިއްރު ހެއްކެއްގެ ގޮތުގައި ފާރިސް އާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިޔާގެ ހެކިބަސް ނަގާފައިވާއިރު، އެ ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ދައުލަތާ ދެކޮޅަށެވެ. ސިއްރު ހެއްކެއްގެ ގޮތުގައި ހެކިބަސް ނެގި ނަމަވެސް ހެކިވެރިޔާގެ ވާހަކަތައް ހުރިގޮތުން އެ ހެކިވެރިޔާއަކީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) ކަމަށް ވަނީ ބެލެވިފައެވެ. މައްސަލައިގެ ތަހްޤީގަށް ދިން އެ ހެކިވެރިޔާ ދިން ބަޔާނަކީ ދޮގު ބަޔާނެއް ކަމަށްވެސް ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފެވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އިއްޔެގެ ޝަރީއަތް ފެށުމާއެކު ދައުލަތުން ވަނީ އިތުރު ހެއްކެއްގެ ގޮތުގައި، ފާރިސްގެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެ ގެއިން ފެނުނު އޭފޯ ސައިޒް ގަނޑެއް ހުށަހަޅާފައެވެ. ނަމަވެސް ގާޒީ އަހުމަދު ހައިލަމް ނިންމެވީ އެ ހެއްކަކީ ޝަރީއަތަށް ދައުލަތުން ހެކި ހުށަހެޅިއިރުވެސް އަދި މައްސަލަ ތަހްޤީގު ކުރުމަށްފަހު ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅިއިރުވެސް ފާޅުވެފައިވާ ހެއްކަކަށްވެފައި، އޭރު ދައުލަތުން އެ އޭފޯ ގަނޑު ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާފައި ނުވާތީ މިހާރު ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ބަލައިގަނެވެން ނެތްކަމަށެވެ.

ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާ ސާބިތުވެ ކުއްވެރިވެއްޖެނަމަ، 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.