ހުޅުމާލޭގައި އަޅާފައިވާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލަށް "ހުރަވީ"ގެ ނަން ސަރުކާރުން ދީފިއެވެ.

ހުޅުމާލޭގައި ނެއިބަހުޑް 1ގައި އިމާރާތްކޮށްފައިވާ އެ ސްކޫލަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު ސްކޫލަށްވާއިރު، އެ ސްކޫލްގައި 53 ކްލާސް ރޫމް ހުރެއެވެ. އޭގެ ތެރެއިން ދެ ކްލާސް ރޫމް ހާއްސަކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ. ހަތް ބުރިއަށް ނަގާފައިވާ އެ ސްކޫލްގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު، ކިޔަވާދޭން ފަށާނެއެވެ. އަދި މިހާރުން ފެށިގެން އެ ސްކޫލަށް ކުދިން ވެއްދުމުގެ ކަންތައް ދަނީ ކުރިއަށެެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، އެ ސްކޫލަށް "ހުރަވީ" ގެ ނަމުން ނަންދީ އެ ނަން ރައީސް އޮފީހުންވެސް ވަނީ ފާސްކޮށްފައެވެ. ހުރަވީގެ ނަން ނިސްބަތްވަނީ ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީ (ދޮންބަންޑާރައިން) އަށެވެ.

އެ ސްކޫލް ތަރައްގީ ކުރުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.ޖުމްލަ 132 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ތަރައްގީކޮށްފައިވާ ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 11އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.

ހުޅުމާލޭގައި މިހާރުވެސް ދެ ސްކޫލެއް ދަނީ ހިންގަމުންނެވެ. އަދި ހުޅުމާލޭގައި އާ ސްކޫލެއް ތަރައްގީ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.