ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 16 ޓަވަރުގައި ދިރިއުޅޭ މީހުންގެ އަދަދު މިހާރު 40،000 އާ ގާތް ކުރާނެ ކަމަށް ބެލެވެއެވެ. އެއީ 25 ބުރީގެ 16 ޓަވަރެވެ. 6،385 ފްލެޓެވެ. ވޭތުވެދިޔަ ދެ ހަފްތާގައި ހިޔާ ޓަވަރުގައި ހުރި ކޮންމެ ފްލެޓެއްގައި ނޫސްވެރިން ޓަކި ޖެހީމެވެ. އަދި ވަރަށް ގިނަ ރައްޔިތުން ސާވޭގައި ބައިވެރިވިއެވެ. ހަމައެކަނި ހިޔާ ފްލެޓުން ސާވޭގައި ބައިވެރިވި މީހުންގެ އަދަދު 4،194 އަށް އަރައެވެ. މިއީ "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭގައި އެންމެ ގިނަ މީހުން ބައިވެރިވި ފަހަރުވެސްމެއެވެ.

"ވަގުތު" އިން އައްޑޫ ސިޓީގައި ދެ ފަހަރާއި މާލޭގައި އާއި ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހަތަރު ރަށުގައި ކުރިއަށް ގެންދިޔަ ސާވޭތަކުގައި ވެސް މިހާ ގިނަ މީހުން ބައިވެރިވެފައެއް ނުވެއެވެ.

ހިޔާ ފްލެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ޓަވަރުތަކެކެވެ. އެ ޓަވަރުތަކަށް ރައްޔިތުން ނުވަދެވި ވަނިކޮށް އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައީއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެރިކަމަށް އައިސް، އެ ތަނުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކުރުމަށް ފަހު، ރައްޔިތުންނާ ހަވާލު ކުރީ ހަތަރު ފާރެވެ. އަދި ހިޔާ ފްލެޓުތަކުގައި ދިރިއުޅެން ފެށޭ ވަރުވީ އޮގަސްޓް 31، 2021 ގައެވެ.

ހިޔާ ފްލެޓުތައް ކައިރީގައި ބޭއްވި ކުޑަކުދިންގެ ހަވީރެއް. --- ވަގުތު އިމޭޖަސް

އޭރުގައި ހިޔާ ފްލެޓު ސަރަހައްދުގެ މަގުތަކެއް ތަރައްގީއެއް ނުކުރެއެވެ. މިސްކިތެއް، ކްލިނިކެއް، ސްކޫލެއް، ބޭސްފިހާރައެއް ރެސްޓޯރަންޓެއް، އެންމެ ކުޑަމިނުން އާދައިގެ ކަންމަތީ ފިހާރަގަނޑެއް ވެސް ނެތެވެ. އެއީ އެކަމަކު މާޒީއެވެ. ހިޔާ ފްލެޓު ސަރަހައްދުގައި ދިރިއުޅޭތާ ދެ އަހަރާ ގާތްވާ އިރު، މި ފާހަގަ ކުރި ތަންތަން މިހާރު ވަނީ ގާއިމުކޮށްފައެވެ. އެމްޓީސީސީން އަންނަނީ އެ ސަރަހައްދަށް ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.

ހިޔާގެ ވަރަށް ގިނަ ފްލެޓުތަކުގައި މިހާރު ދިރިއުޅެއެވެ. އެކަމަކު، އެމީހުން އުފުލަން ޖެހޭ ތަކުލީފް ވަރަށް ބޮޑެވެ. އެމީހުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބޯހިޔާވަހިކަމެއް ލިބުމުގެ އުފަލެވެ. މާލެ އިން ބޯހިޔާވަހިކަމެއް ލިބުމަކީ "ބޮޑު ޖަވާހިރެއް" ލިބުން ފަދަ ކަމެކެވެ. އެކަމަކު، ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންގެ ނިމުމެއް ނެތް ޝަކުވާއެއް އެބައޮތެވެ. އެމީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ކުލި ބޮޑުވުމެވެ.

އޭގެއިތުރުން ވައްކަން ކުރުމާއި ހިޔާ ފްލެޓުތަކުގެ ރައްޔިތުންނަށް އެކަށީގެންވާ ރައްކާތެރިކަން ނުލިބުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި މިހެން ގޮސް ކިއާނެ ކަމެއް ނެތެވެ. އެމީހުން ކުރަނީ ޝަކުވާއެވެ.

މިފަހަކާ ޖެހެންދެން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ކުލީގެ ގޮތުގައި ދައްކަމުން އައީ 7،500ރ. އެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،000ރ. އާ އެކު، ޖުމްލަ މަހެއްގެ މައްޗަށް 8،500ރ. ދެއްކިއެވެ. މިދިޔަ މެއި މަހުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރަށް ހިޔާގައި ދިރިއުޅޭ މީހުން މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1،000ރ. އާއެކު ޖުމްލަ 6،300ރ. ދައްކަން ޖެހޭ ގޮތަށް ސަރުކާރުން ވަނީ ފްލެޓުތަކުގެ ކުއްޔަށް ބަދަލު ގެނެސްފައެވެ.

ހަތް އަހަރު ފަހުން، މިހާރު ވެސް ކުލި ދައްކާ ގޮތަށް މެއިންޓަނަންސް ފީގެ ގޮތުގައި ދައްކާ 1،000ރ. އާ އެކު، މަހަކު 8،500ރ. ދައްކަން ޖެހޭނެއެވެ. މިއާ އެކު، ފްލެޓަށް ލޯންގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުރިން 25 އަހަރަށް ބަހާލާފައި އޮތް ނަމަވެސް، މިހާރު އެ މުއްދަތު ވަނީ 27 އަހަރަށް ބަހާލައިފައެވެ.

"ވަގުތު" އިން މިދިޔަ މަހުގެ ފަހުކޮޅާއި މި މަހު ކުރިއަށް ގެންދިޔަ 15 ދުވަހުގެ ސާވޭގައި ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނާ ތަފާތު 10 ސުވާލެއް ކުރީމެވެ. އޭގެ ތެރޭގައި ހިޔާ ފްލެޓާ ގުޅޭ ސުވާލުތަކާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ސުވާލުތަކާއި ބައެއް ސިޔާސީ ސުވާލުތަކަށް ޖަވާބު ދިނުމުގައި މީހުން ބައިވެރިކޮށްފައިވާނެއެވެ. މި ދިރާސާގައި ސަރުކާރާ މެދުގައި ހިތްހަމަޖެހޭ މީހުންނާއި ހިތްހަމަނުޖެހޭ މީހުންނާ ބައްދަލުވިއެވެ. މަޝްރޫއުތަކާ މެދުގައި ހިތްހަމަޖެހޭ މީހުންނާއި ހިތްހަމަނުޖެހޭ މީހުންނާ ވެސް ބައްދަލުވެފައިވެއެވެ.

ހިޔާ ފްލެޓްތަކުގެ މަތިން ރޭގަނޑު ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާލެ މީހުންނަށް ގޯތި ދިނުން ބަލައިގަނޭތޯ އާއި ހިޔާ ފްލެޓުގެ ކުލި މާފްކޮށްދޭ ކެންޑިޑޭޓަކަށް ވޯޓު ދޭނަންތޯ އާއި ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންނާ މެދުގައި މި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާ މެދުގައި ހިތްހަމަޖެހޭތޯ އާއި މި ސަރުކާރުން ހިޔާ ފްލެޓްގެ ކުއްޔަށް ގެނައި ބަދަލަކީ ކުލި ކުޑަ ކުރުން ކަމަށް ގަބޫލު ކުރަންތޯ އާއި ރިޔާސީ އިންތިހާބުގައި ވޯޓު ދޭނެ ގޮތަކާ ގުޅޭ ގޮތުން ވެސް ސުވާލުކޮށްފައިވާނެއެވެ.

ސާވޭގައި ބައިވެރިވި 4،194 މީހުންގެ ތެރެއިން 2،115 މީހުންނަކީ ފިރިހެނުންނެވެ. އަދި 2،079 މީހުންނަކީ އަންހެނުންނެވެ. ހިޔާ ފްލެޓު ސާވޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވި އުމުރުފުރާއަކީ 35 އަހަރާއި 60 އަހަރާ ދެމެދެވެ. މި ސާވޭ އިން އެނގުނު އެންމެ ބޮޑު އެއް ކަމަކީ ހިޔާ ޓަވަރުތަކަކަކީ "ޕީޕީއެމްގެ ކިއްލާ"އެއް ކަމެވެ. އެ ޕާޓީއާ އަރާ ހަމަ ކުރެވޭ ވަރުގެ އިތުރު ސިޔާސީ ޕާޓީއެއް ވެސް ނެތް ކަމެވެ. ސާވޭގައި ބައިވެރިވި %70 އަށް ވުރެ މަތީ މީހުން ސަރުކާރާ މެދުގައި ހިތްހަމަނުޖެހެއެވެ. އަދި %78.8 މީހުން ބުނަނީ މި ސަރުކާރަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާ ކަމަށެވެ.

މި ސަރުކާރުން ހިންގާ މަޝްރޫއުތަކާ މެދުގައި ހިތްހަމަޖެހޭތޯ ސުވާލު ކުރުމުން ސާވޭގައި ބައިވެރިވި 3،421 (%81.6) މީހުން ބުނެފައި ވަނީ ހިތްހަމަނުޖެހޭ ކަމަށެވެ. އަދި 773 (%18.4) މީހުން ބުނެފައި ވަނީ ރައީސް ސޯލިހްގެ ސަރުކާރުން ހިންގާ މަޝްރޫއުތަކާ މެދުގައި ހިތްހަމަޖެހޭ ކަމަށެވެ.

"ވަގުތު" ގްރެފިކްސް: އިބްރާހިމް އަޝްވާގް

ކުރީ ސަރުކާރާ މި ސަރުކާރާ އަޅާ ބަލާއިރު، ރަނގަޅީ ކޮން ސަރުކާރެއްތޯ ކުރި ސުވާލަށް ޖަވާބު ދިން މީހުންގެ ތެރެއިން 3،291 (%78.5) މީހުން ބުނެފައި ވަނީ އެމީހުންނަށް ރަނގަޅީ 2013 ވަނަ އަހަރު އުފެދުނު ޕީޕީއެމްގެ ސަރުކާރު ކަމަށެވެ. މިހާރު އޮތް ސަރުކާރު ރަނގަޅު ކަމަށް ބުނެފައި ވަނީ 346 (%8.2) މީހުންނެވެ. ދެ ސަރުކާރު ވެސް ރަނގަޅު ކަމަށް 297 (%7.1) މީހުން ބުނެފައިވާ އިރު، އެއްވެސް ސަރުކާރެއް ރަނގަޅެއް ނޫން ކަމަށް 260 (%6.2) މީހުން ބުނެފައިވެއެވެ.

"ވަގުތު" ގްރެފިކްސް: އިބްރާހިމް އަޝްވާގް

ހިޔާ ފްލެޓުތައް ފެނުމުގެ/ބަދަލުވުމުގެ ކުރިން މިތަނާ ގުޅޭ ގޮތުން ލިބުނީ ރަނގަޅު މައުލޫމާތެއްތޯ ސުވާލު ކުރުމުން 2،820 (%67.2) މީހުން ބުނެފައި ވަނީ އެމީހުންނަށް ލިބުނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި 1،374 (%32.8) މީހުން ބުނެފައި ވަނީ އެމީހުންނަށް ލިބުނީ ރަނގަޅު މައުލޫމާތެއް ކަމަށެވެ.

"ވަގުތު" ގްރެފިކްސް: އިބްރާހިމް އަޝްވާގް

ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންނާ މެދުގައި މި ސަރުކާރުން ކަންތައް ކުރާ ގޮތާ މެދުގައި ހިތްހަމަޖެހޭތޯ ސުވާލު ކުރުމުން ގިނަ ބަޔަކު ބުނެފައި ވަނީ ހިތްހަމަނުޖެހޭ ކަމަށެވެ. އެގޮތުން 3،471 (%82.8) މީހުން ބުނެފައި ވަނީ ސަރުކާރުން ކުރާ ކަންކަމާ މެދުގައި ހިތްހަމަނުޖެހޭ ކަމަށެވެ. އަދި 723 (%17.2) މީހުން ބުނެފައި ވަނީ ސަރުކާރުން ކުރާ ކަންކަމާ މެދުގައި ހިތްހަމަޖެހޭ ކަމަށެވެ.

"ވަގުތު" ގްރެފިކްސް: އިބްރާހިމް އަޝްވާގް

ޔާމީންގެ ސަރުކާރުން ހިޔާ ފްލެޓުތައް އިމާރާތް ކުރުމަށް ކުރި މަސައްކަތް ބަލައިގަންނަންތޯ ސުވާލު ކުރުމުން ގިނަ ބަޔަކު ބުނެފައި ވަނީ އެކަން ބަލައިގަންނަ ކަމަށެވެ. އެގޮތުން 3،867 (%92.2) މީހުން ބުނެފައި ވަނީ ޔާމީންގެ ސަރުކާރުން ކުރި މަސައްކަތް ބަލައިގަންނަ ކަމަށެވެ. އެ މަސައްކަތް ބަލައިނުގަންނަ ކަމަށް ބުނެފައި ވަނީ 327 (%7.8) މީހުންނެވެ.

"ވަގުތު" ގްރެފިކްސް: އިބްރާހިމް އަޝްވާގް

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ކުރިމަތި ކުރި އެންމެ މުހިންމު އެއް ސުވާލަކީ ހިޔާ ފްލެޓުތަކުގެ ކުއްޔަށް މި ސަރުކާރުން ގެނައި ބަދަލަކީ ކުލި ކުޑަ ކުރުން ކަމަށް ގަބޫލު ކުރަންތޯ ކުރި ސުވާލެވެ. އޭގެތެރެއިން 3،639 (%86.6) މީހުން ބުނެފައި ވަނީ އެއީ ކުލި ކުޑަ ކުރުން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި 564 (%13.4) މީހުން ބުނެފައި ވަނީ އެއީ ކުލި ކުޑަ ކުރުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ވަގުތު" ގްރެފިކްސް: އިބްރާހިމް އަޝްވާގް

ހިޔާ ފްލެޓުގެ ކުލި މާފުކޮށްދޭ ކެންޑިޑޭޓަކަށް ވޯޓު ދޭނަންތޯ ކުރި ސުވާލަށް ޖަވާބު ދިން މީހުންގެ ތެރެއިން 3،222 (%76.8) މީހުން ބުނެފައި ވަނީ ކުލި މާފުކޮށްދޭ ކެންޑިޑޭޓަކަށް ވޯޓު ނުދޭނެ ކަމަށެވެ. އަދި 972 (%23.2) މީހުން ބުނެފައި ވަނީ ކުލި ކުޑަކޮށްދޭ ކެންޑިޑޭޓަކަށް ވޯޓު ދޭނެ ކަމަށެވެ.

"ވަގުތު" ގްރެފިކްސް: އިބްރާހިމް އަޝްވާގް

މާލެ މީހުންނަށް ހިލޭ ގޯތި ދިނުން ބަލައިގަންނަންތޯ ކުރި ސުވާލަށް ޖަވާބު ދިން މީހުން ބުނަނީ އެކަން ބަލައިނުގަންނަ ކަމަށެވެ. އެގޮތުން 3،184 (%75.92) މީހުން ބުނެފައި ވަނީ މާލެ މީހުންނަށް ހިލޭ ގޯތި ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި 1،010 (%24.08) މީހުން ބުނެފައި ވަނީ މާލޭގެ މީހުންނަށް ގޯތި ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ކަމަށެވެ.

"ވަގުތު" ގްރެފިކްސް: އިބްރާހިމް އަޝްވާގް

ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނާ މެދުގައި ކުރި އެންމެ މުހިންމު އެއް ސުވާލަކީ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު ދޭނެ ޕާޓީއަކާ މެދުގައެވެ. އެގޮތުން 3،020 (%72) މީހުން ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ އިދިކޮޅު ޕީޕީއެމަށް ކަމަށެވެ. އޭގެ ފަހުގައި ދެން އެންމެ ގިނަ ބަޔަކު ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ އެމްޑީޕީ އަށް ކަމަށެވެ. އެއީ 357 (%8.5) މީހުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ ދަ ޑިމޮކްރެޓްސްއަށް ކަމަށެވެ. އެއީ 160 (%3.8) މީހުންނެވެ.

މީގެތެރޭގައި ގޮތް ނުނިންމާ މީހުންނާއި ވޯޓުލާން ނުދާނެ ކަމަށް ބުނާ މީހުން ވެސް އެބަތިބިއެވެ. އެގޮތުން ވޯޓުލާން ނުދާނެ ކަމަށް 98 (%2.3) މީހުން ބުނެފައިވެއެވެ. އަދި ގޮތެއް ނުނިންމާ ކަމަށް 402 (%9.6) މީހުން ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ބަލާ އިރު، ހަތަރު ވަނަ އަށް އެންމެ ގިނަ ބަޔަކު ބުނަނީ އެމީހުން ވޯޓު ދޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކަމަށެވެ. އެއީ 60 (%1.4) މީހުންނެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވޯޓު ދޭނެ ކަމަށް 42 (%1) މީހުން ބުނެފައިވެއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓު މުހައްމަދު ނާޒިމަށް 25 (%0.6) މީހުން ބުނެފައިވެއެވެ. މީގެ ތެރޭގައި ރަނގަޅު ކެންޑިޑޭޓެއް ނެތް ކަމަށް 30 (%0.7) މީހުން ބުނެފައިވެއެވެ.

"ވަގުތު" ގްރެފިކްސް: އިބްރާހިމް އަޝްވާގް

ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ ކޮން ބޭފުޅެއްތޯ ޕީޕީއެމްގެ 2،995 ސަޕޯޓަރުންނާ ވަނީ ކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ބުނަނީ ޕީޕީއެމްގެ ޓިކެޓު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ދިނުމަށެވެ. ދެން އެންމެ ގިނަ ބަޔަކު ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކަށް ޓިކެޓު ދިން ކަމުގައި ވިޔަސް މައްސަލައެއް ނެތް ކަމަށެވެ.

މި ސުވާލު އަމާޒު ކުރި މީހުންގެ ތެރެއިން 1،815 (%60.6) މީހުން ބުނެފައި ވަނީ ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި ޕީޕީއެމް ޓިކެޓު ދިނުން ރަނގަޅު ވާނީ މުއިއްޒަށް ކަމަށެވެ. ޕީޕީއެމް ނަމަ ކޮންމެ މީހަކަށް ޓިކެޓު ދިން ކަމުގައި ވިޔަސް މައްސަލައެއް ނެތް ކަމަށް ބުނީ 514 (%17.2) މީހުންނެވެ.

މުއިއްޒުގެ އިތުރުން ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި މަގުބޫލް ކެންޑިޑޭޓުންތަކެއް އެބަތިބިއެވެ. އޭގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މެން ފަދަ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.

މާލޭގެ މޭޔަރު މުއިއްޒު ނެގުމަށް ފަހު، އެންމެ ގިނަ ބަޔަކު ބުނެފައި ވަނީ ޝަހީމަށް ރިޔާސީ ޓިކެޓު ދިނުމަށެވެ. ޝަހީމަށް ޓިކެޓު ދިނުމަށް 332 (%11.1) މީހުން ބުނެފައިވެއެވެ. ޣައްސާން މައުމޫނަށް 119 (%4) އަދި ޝިޔާމަށް 118 (%3.9) މީހުން ތާއީދުކޮށް ވާހަކަ ދައްކާފައިވެއެވެ. އަދި ކުރީގެ ރައީސް ވަހީދަށް 84 (%2.8) މީހުން އަދި ސައީދަށް 13 (%0.4) މީހުން ވެސް ތާއީދުކޮށްފައިވެއެވެ.

"ވަގުތު" ގްރެފިކްސް: އިބްރާހިމް އަޝްވާގް

ހިޔާ ފްލެޓު ސާވޭ އިން އެނގުނީ މި ސަރުކާރާ މެދުގައި ނުރުހުންވެފައި ތިބި މިންވަރެވެ. އަދި އިދިކޮޅު ޕީޕީއެމްއާ ފައިހަމަކޮށްލެވޭ ވަރުގެ އިތުރު ސިޔާސީ ޕާޓީއެއް ނެތް ކަމެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސަކީ އަދި ހާއްސަކޮށް ހިޔާ ފްލެޓު ސަރަހައްދަކީ ޔާމީންގެ އުފެއްދެވުމެކެވެ.

ނޯޓު: މިއީ "ވަގުތު" ގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭއެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދަހިޔާލީމޭން

    މިސްކިތުން ދިމާވާ ހަރުމީހުން ވެސް ވަރަށް ފޫހިވެފަ ހުންނަނީ މިސަރުކާރުދެކެ
    ދީނީ ގޮތުން ހަނު ހުންނާތީ ކޮންމެކަމެއް ކުރިޔަސް ރިއެކްޓު ނުކުރާތީ'

    އެއީ ދެން ގޮތެއްނޫން ، ނިކަން ވަރުގަދަވެގެން ވެރިކަން ކުރެވޭނީ

    30
    8
    • ކިހާ

      ކުއްޔަށް އުޅޭ ނިސްބަތް ކިހާވަރެއް..

  2. ކަނބުލޮ

    ސާރވޭ ވ ފުރިހަމަ

    35
    13
  3. ހުދުހުދު

    އިންޝާﷲ މިސަރުކާރު ބަދަލުވެ އެމީހުނަށް ހައްގު އަދަބު ލިބޭނެ. އަދި މިސަރުކާރު ގެނެސް، މިއޮއްހާދުވަހު ސަރުކާރުގެ މުގުލުގަ ހުރި ނުލަފާ ދަ ޑިމޮކްރެޓްސްވެސް ލަދުވެތި ގޮތަކަށް ބަލިވާނެ

    43
    11
  4. މޫސަ

    5 އަހަރުގެ ދައުރެއް ނިމެނީ.ނަމާދުކޮށްލާނި ރަނގަޅު މިސްކިތެއް ނޭޅުނި ހިޔާސަރަހްދުގަ ރޯދަމަހު ވަގުތީ މިސްކިތަށްތަކުގަ ރައްޔިތުން ނަމާދު ކުރާތަށް ފެނިފަ ދެރަވޭ.

    40
    5
  5. ދިރާސާ

    ގިނަ ގޮތްގޮތުން އުންމީދަކީ ރައީސް ޔާމީނެވެ. އެކަމަކު، ދުނިޔޭގައި ކަންކަން ހިނގާ އުސޫލަށް ބަލާއިރު ރައީސްޔާމީނަކީ ޔަހޫދީން ރުއްސުވާ މިންވަރު ކުޑަ މީހަކަށް ވުމުން، ރައީސްކަމަށް ވާދަ ކުރުމުގެ ފުރުޞަޠު ނުދިނުމަކީ އެންމެ ޤަބޫލުކުރަން ފަސޭހަ ގޮތެވެ. މިހާތަނަށް މި ސަރުކާރުން ހިންގާ އެއްވެސް ޖަރީމާއަކަށް އިންޓަރނޭޝަނަލް ކޮމިއުނިޓީއަކުން ނުވަތަ ހުޅަނގުގެ ޤައުމަކުން ބަހެއް ނުބުނެއެވެ. އަދި ނުވެސް ބުނާނެއެވެ. ފާޅުގައި ފެންނަން ހުރި ބޮޑެތި ބޭއިންސާއެކުވެސް އެމެރިކާއިންވެސް ބުނީ ޔާމީނަށްކުރީ ރަނގަޅު ޙުކުމެއް ކަމުގައެވެ. އެއީ އެކަންވާނޭވެސް ގޮތެވެ. ޔަހޫދީ ގިނަ ދައުލަތްތަކީ މުސްލިމުންނަށް އަނިޔާވެރި ދައުލަތްތަކެވެ. މުސްލިމު ދައުލަތްތަކަށް ގޮނޑިކޮއްކޮ ސަރުކާރުތަކެއް ގެނައުމަކީ އެމީހުން އެދޭ ގޮތެވެ. ޔާމީނަކީ، ޤައުމާއި، ދީނާއި، ދިވެހިންގެ ޙައްޤުގައި މި ފަހުން އެންމެ ބޮޑުވަކާލާތެއް ކުރި، އަދި އެގޮތުގައި ހުރި ހަމައެކަނި ވެރިކަންކުރި މީހާއެވެ.

    43
    11
  6. ލަންސިމޫ

    މާލޭގެ ރައިއްޔަތުންގެ ބޯހިޔާވަހިކަން ނިގުޅައިގަތް ޔާމީން ބޭނުމެއްނޫން....
    ދުވަހަކު މާލެ ނާރާ ބޮޑެތި ގޯތި ރަށުގަ އޮތް މީހުންވެސް ދަފްތަރަށް އަޅާލާ މާލޭގެ ބޯހިޔާވަހިކަން ނެތް ރައްޔަތުންނަށް އިސްކަން ނުދީ ނިކަމެތިކޮށް ބޯހިޔާވަހިކަމުން މަހްރޫމް ކޮށްލީ ޔާމީން

    25
    58
    • ލުޓޭރުންގެ ސަރުކާރު

      ކަލޭ ބޭނުންނުވިޔަސް އިންޝާﷲ މެޖޯރިޓީ ރައްޔިތުން މިފަހަރު ބޭނުންވަނީ ރޔާމީން... ދީނާ ގައުމައްޓަކާ...ރޔާމީން...❤️❤️❤️

      36
      10
  7. އިޔާޒް

    މާތްﷲގެ ތަނަވަސް ރަޙުމަތުން މި ސަރުކާރު ނިމޭނެ އިންޝާﷲ އިބޫއަށް ނާކާމިޔާބުވާނީ އެއި ދުޢާއަކީ

    37
    9
  8. އިއްސެ

    ޤައުމު ހިންގުމާއި، ދައުލަތުން ހޭދަކުރުމާ މީ ތަފާތު ދެ ކަމެކެވެ. އިބުރާހީމް ކުރަނީ ހޭދައެވެ. ހޭދައިން ލިބޭނެ ގޮތެއް ނުހޯދައެވެ. މިޔަށް ދައުލަތް ހިންގުމޭކޭ ނުކިޔޭނެއެވެ. އިތުރު ދައުރެއް އިބްރާހީމަށް ދީފިނަމަ ވައްކަމުގެ އިތުރަށް 2 ކަމެއް ޙާސިލްވާނެއެވެ. އެއީ ދައުލަތް ބަނގުރޫޓުވުމާއި، ދައުލަތުގެ މިނިވަންކަން ގެއްލުމެވެ. މިކަން ހާސިލްކުރަން އިބްރާހީމަށް ވޯޓުދޭންވީއެވެ.

    26
    2
  9. ސޯލިހާ ޔާމީނު ފުކެއް ތަފާތު

    ޔާމީނަކީ އާއްމު ރައްޔިތުންނަކަށް ނޫން ވެރިކަމަށްޓަކާ ވާދަވެރިންނަށް ހަރުކަށިވެ އަނިޔާކުރި ރައީސެއް. އިބްރާހިމަކީ މުޖުރިމަކާ ކީއްކުރަން ގާނޫނީ އިސްޒިއްމާއެއްގަ ހުރެގެން އޭނާއަށް ގަޒުފުކުރާ މީހާއާވެސް ކުރިމަތިލަން ނުކެރުނު ވެރިއެއް. އަނެއްކޮޅުން ކުރާ ނުބައި ބޭއިންސާފެއް ނުލަފާކަމެއްވެސް ކިތައްމެ ބަޔަކު އެއްޗެހި ކިޔަސް ޝަކުވާކުރިއަސް ލަދެއް އަސަރެއް ނެތި އެކަންކުރަމުންދާ ވެރިއެއް. ބޯހިޔާވަހިކަން ބޭނުންވާ މާލޭ ޚާންދާނުގެ މީހުނަކަސް މާލޭގައި ރަޖިސްޓްރީ ވެފައިތިބި މީހުނަށް އަދި މާލޭގައި ދިރިއުޅެ ގިނަދުވަސްވީ މީހުނަށްވެސް މާލޭސަރަހައްދުގައި އުޅެވޭނެ އެޕާޓްމެންޓް ދޭންޖެހޭނެ. ދެވެންވެސް އޮތް. ދިނަސް އެއީ ވެރިމީހާގެ މިލްކިޔާތަކުން އޭނާގެ ދީލަތިކަމަކުން ނޫން. އެކަމަކު އެކަން ގިނަބަޔަކަށް ފޯރުވާދެވެން އޮތް އަގުބޮޑު ބިންކޮޅު ޟަމީރެއް ނެތި އެބަހާލީ މާލޭމީހުންނަށް މަކަރުހަދާފައި މަދު މީހުންކޮޅަކަށް! އެންމެ އާބާދީ ބޮޑު އޭރިޔާގެ މުޖުތަމައު އެ ސުންނާފަތިކޮށް އިތުރު ޖީލަކަށް ހާލަތު ދައްކޮށްލީ! ގައުމު ދަރުވާލާ އިސްތިގުލާލު ފައިދަށުލާ އެތައް ގުދްރަތީ އޭރިޔާއެއް ފައިދާނެތް ގޮތުގައި ބޮޑުޚަރަދުން ގަޑުބަޑުކޮށް ހަދާފައި ނުފުދުނު! ތަންދޮރު ވިސްނޭ ހާމާނުންގެ ދަށުނުވާ ޝަޚްޞިއްޔަތު ހުރި ވެރިއެއް ހޮވަން އެންމެނޭ ވިސްނާ!

    19
    8
  10. ހުސެބް

    ހިޔާ ފުލެޓު ނޫން ފުލެޓެއް ނެތީތަ، ކޮބާ ކުރީ ސަރުކާރު ތަކުން އެޅި ފުލެޓުތައް ، އެތަން ތަން ވެސް ހުރީ 8000 ރުފިޔާގައި، ކުޑަ ނުކުރަނީސް ވޯޓެއް ނުދޭނަން،

    23
    7
    • ކޮއްކޮ

      ކޮއްޔާ. ކުރީ ސަރުކާރުން އެޅި ތަންތަން 8000 ރުފިޔާއަށް ދިނީ އެ ތަންތަން ނިންމާފައި. އެއީ 3 ކޮޓަރި. ހިޔާ ފްލެޓުގައި ހުރީ 2 ކޮޓަރި. ދިނީ ނުނިންމައި 4 ފާރު 8500 ރުފިޔާއަށް. ވިސްނާލާ.

      11
      1
  11. އަލީ

    ސާވޭއިން އެނގެނީ ޑރ. ވަހީދު އަށް ވީގޮތް ހަމަ ސޯލިހު އަށް ވެގެންދާނެކަމަށް.

    12
    1
  12. ކަޔާނޯ

    އޮފްކޯސް، މި މީހުން ފްލެޓަށް ލާރި ނުދައްކަން ބޮޑާ ހާކަން ޖައްސާ ގޭމް ތިހުރީ. ހަމަ އަޅާ ލާނެކަމެއްވެސް ނެތް، ބައި ތިއްބާ.

    2
    2
  13. ބުރަކި

    ބޭނުމީ އަދިވެސް ރ ޔާމިން ސޯލިހަށް ވޯޓު ނުދޭނަން.

    4
    1
  14. ނަންނި

    ކޮބާތަ ހިލޭގޯތިދީފަ ވާރުތައިން ލިބުނުބިންކޮޅު ދޫކޮއްލީމަ ބިން ލިބެނީ އެބިންތައް ސަރުކާރުން ވިއްކަނީ. 2ރުފިޔާ ދިނީމަ އޭގެން 1 ރުފިޔާ ދިނުންކަހަލަކަމެއްދޯ

  15. ނަންނި

    މާލޭ މީވުއްނައް ހިލޭ ގޯތި ދިނީ ކާކު އެކަކުވެސްނުދޭ ސަރުކާރައް2ދިނީމަ1 ދިނުން ކަހަލަކަމެއް ދޯ ބިންކޮޅުދޫކޮއްލީމަ ބިމެއްދިނީ ދޯ އިންސާފަކުންނޫން ބިން ދިނީ އރއްބަޔަކައް ބިންކޮޅު ދޫނުކޮއް ބިން ލިބޭ އަނއްބަޔަކައް ބިން ނުގސނެ ބިންކޮޅުލިބޭ ކޮބާ އިންސާފު މިކަމުގަ