މިއަދު މިއޮތީ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރާ މަޖިލީހެއްކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެންޓި ޑިފެކްޝަން ބިލުގެ ބަހުޡް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ 2018 ވަނަ އަހަރުގެ ދައުރު ފެށުނު ފަހުން މަޖިލީސް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި މިހާރު މަޖިލީހަކީ ރައްޔިތުންނަށް ހެޔޮއެދޭ އަދި ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރާ މަޖިލީހެއް ކަމަށެވެ.

" 2018 ވަނަ އަހަރު ފެށުނު ފަހުން ރައްޔިތުންގެ މަޖިލިސް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. މިހާރުގެ މަޖިލީހަކީ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރާ މަޖިލީހެއް. މި މަޖިލީހުގައި ތިބި މެންބަރުންނަކީ އަމިއްލަ އެދުމެއް ނެތި މަސައްކަތް ކުރަމުންދާ އަދި އަމިއްލަ ކަންކަމަށް ވުރެއް ގައުމު އިސްކުރާ މެންބަރުން" އަދުރޭ ވިދާޅުވިއެވެ.

އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރައްޔިތުންނަށް ހެޔޮކޮށް ކަންކަން ކޮށްދޭން ފެށުމުން އެކަން ހަޖަމު ނުވެގެން އިދިކޮޅު ފަރާތްތަކުން އެތަކެއް ގޮތަކަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެގޮތުން މޭޑޭ އެއް ގެނެސްގެންނާއި ބޮން ގޮއްވާލައިގެންނާއި، ފަނޑިޔާރު ގޭގެ ތެރެއިން ވެސް ވެރިކަން ވައްޓާލަން މަސައްކަތް ކުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ އިސްކޮށްތިބީ ކުރީގެ ބައެއް ރައީސުންނާއި، މަހުޖަނުންނާއި ، ޒާތީ ހަސަދަ ލައިގެން އުޅޭ މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އިދިކޮޅު މެންބަރުންނަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު މެންބަރުންނަށް މަޖިލިސްގެ ތެރެއިން ސަރުކާރު ބަލިނުކުރެވޭނެ ކަމަށާއި އެފަދަ ހިތްވަރެއް އެމެންބަރުންގެ ކިބައިގައި ނެތް ކަމަށެވެ.