ރާއްޖެއަށް އައު ފަތިހަކަށް އަލިވިލިފައިވާއިރު، އަވަށްޓެރި ސްރީ ލަންކާ ދަތިހާލުގައި އުޅޭ މަންޒަރު ބަލަން ދަތިކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުންމީދަކީ ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ދަތިކަމުން ވީ އެންމެ އަވަހަކަށް މިންޖުވުންކަމުގައެވެ.

"ރާއްޖެއަށް އައު ފަތިހަކަށް އިރު އަރައިގެން އައިސްފައިވާއިރު ވަރަށް ހިތްދަތިވޭ ސްރީ ލަންކާ ދަތިހާލުގައި އުޅޭ މަންޒަރު ބަލަން. އަހަރެންގެ އުންމީދަކީ މި އުނދަގުލުން ސްރީ ލަންކާ ވީ އެންމެ އަވަހަކަށް އަރައިގަތުން." ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ނަޝީދު ވިދާޅުވީ ލަންކާގެ ރައްޔިތުންނަކީ ދިވެހިންގެ އާއިލާ މެންބަރުންތަކެއްހާ ގާތް ބައެއްކަމުގައެވެ. އަދި، ދިވެހިން މިއަދު ކުލަ ގަދަކޮށް ފާހަގަކުރަމުން ދަނީ ލަންކާގެ އެހީއާއި އެއްބާރުލުމާއެކުގައިކަމަށްވެސް ވިދާޅުވިއެވެ.

ލަންކާ މިހާރު އޮތީ ސިޔާސީ ގޮތުން ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެޤައުމުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މަޤާމުން ދުރުކޮށް، އެމަޤާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ގެނައުމާއެކު ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވެއެވެ. އަދި، އެކަމުގެ ސަބަބުން އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ހުއްޓުވާ، އެކަން ފަހުން ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވެއެވެ. ހަމައެހެންމެ، އެޤައުމުގެ މަޖިލީހުގައި މި ފަހުން ބޮޑެތި ހަމަނުޖެހުންތަކެއްވެސް ހިނގާފައިވެއެވެ.

ޙުކުމުން ފިއްލަވައިގެން ރާއްޖެއިން ބޭރުގައި އުޅުއްވި މުއްދަތުގެ ތެރޭގައި ގިނަ ދުވަސްތަކެއް، ނަޝީދުވަނީ ލަންކާގައި ހޭދަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައިދަރު

    ލަންކާއެއް ނޫން މިރާއްޖެ މިވެއްޓޭ އަދަވަޅުން މާހިތްދަތިވޭ އިރާދަ ކުރެއްވިއްޔާ ލަސްތަކެއްނުވެ ސަލާމަތްކުރައްވާނެ

    • ސީނު

      އިންޝާ ﷲ...އިރާދަކުރެއްވިއްޔާ ދިވެހިން ނަށް ކުރެވުނު މޮޔަކަންތަށް ހިތަށް އަރާ އަމިއްލަޔަށް މިކަންނިންމާލާނެ