ދިވެހިރާއްޖޭގެ ވެރިކަން ސުލްހަވެރިކަމާއި އެކު ބަދަލުކޮށްފައި ވާތީ އިންޓަ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ދިވެހިރާއްޖެ އަށް މަރުޙަބާ ކިޔައިފިއެވެ.

އައިޕީޔޫގެ ވެބްސައިޓްގައި ބުނެފައި ވަނީ ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހިމެނޭ ގޮތައް ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މެދު އިންސާފުން ބޭރުން ޝަރީޢަތް ހިންގަން އައިޕީޔޫ އިން ދެކޮޅު ހަދާފައި ވާނެ ކަމަށާއި ގޮނޑި ގެއްލުނު ކަމަށް ކުރިން ކަނޑައެޅި މެންބަރުން ވެސް މިހާރު އަލުން އަނބުރާ މަޖިލީހުގެ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގެންނެވި އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗަންގްއޮންގް ދިވެހިރާއްޖެ އިން ދެއްކި ޑިމޮކްރަސީގެ ރީތި ނަމޫނާ އަށް އޭނާ ސެލިއުޓް ކުރައްވާ ކަމަށެވެ.

"ސުލްހަވެރިކަމާއި އެކު ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގައި ރާއްޖެ އިން ދެއްކި މިސާލަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އަދި ސެލިއުޓް ކުރަން." މާޓިން ވިދާޅުވިއެވެ.

މާޓިން ވިދާޅުވީ ރާއްޖެ އިން ދައްކުވައި ދެއްވީ ސަރަހައްދީ ގައުމުތަކަށް ވެސް މިސާލެއް ކަމަށެވެ.

އައިޕީޔޫގެ ވެބްސައިޓްގައި ވަނީ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފައި ވާތީ އެކަން ވެސް ފާހަގަ ކުރައްވާފައެވެ.

ސެޕްޓެމްބަރ މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ރައީސް ކަމާއި ހަވާލުވެ ވަޑައިގެން މަގާމުގެ ޒިންމާތައް އަދާކުރައްވަން ފައްޓަވާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމަނިކުފާނު ވަނީ ބޮޑެތި ނިންމެވުންތަކެއް ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޫއުމަރުބެ.

    ޑހުވަސްކޮޅަކުން ތިޔަބަދަލު ކުރި ބަދަލުގެ ހިތިރަހަ ކަރުބުޑުގަ ލާނެ.ކިހާ ވަރަކުން ދާނެބާ.

  2. ހުސޭނުބޭ

    ވައްކަން ކުރުމުންވެސް މަރުޙަބާ ކިޔާ ބައެއް! ވަރަށް ސަޅި!