ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޖަލުން މިނިވަންވި ފަހުން ފުރަތަމަ ފަހަރަށް ޓީވީ ޝޯވއެއްގައި ބައިވެރިވެ ވަޑައިގެން "ވީޓީވީ" ގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލާނެ ދާއިރާއަކާ ދޭތެރޭ ވިސްނަމުންދާ ކަމަށެވެ.

"އަޅުގަނޑު ވިސްނުންތަކެއް އެބަ ގެންގުޅެން. އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުގެ ސިޔާސީ ކުރިމަގު އޮތީ ރައްޔިތުންނާ ހަމައިގައި. ރައްޔިތުން އެދެނީ ކޮން ގޮތެއްތޯ ބަލާނަން. ހާއްސަގޮތެއްގައި މި ކުރިމަތިވަމުން މި އަންނަ ޕާލަމަންޓް އިންތިހާބުގައި ކުރިމަތިލުމުގެ ވިސްނުމެއް އެބަ ގެންގުޅެން. އަޅުގަނޑު ދާއިރާއަކާ ދޭތެރޭ ވެސް އެބަ ވިސްނަން،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުރިމަތިލާ ދާއިރާއެއްގެ ރައްޔިތުންނާ ހަމައަށް ވަރަށް އަވަހަށް ދާނެ ކަމަށާއި ރައްޔިތުންގެ އިހުސާސާއި ރައްޔިތުންގެ ވިންދު ހުރި ގޮތެއް ބަލާނެ ކަމަށެވެ.

"އަޅުގަނޑަކީ އެފަދަ މަގާމަކަށް ކުރިމަތިލުމަށް ރައްޔިތުން އެދޭ މީހެއްތޯ އަޅުގަނޑު ދެނެގަންނާނަން. ރައްޔިތުން އަޅުގަނޑު އެކަމަށް ގެންނަން ބޭނުންވާ ކަމަށް އަޅުގަނޑަށް އިހުސާސްކުރެވިއްޖެއްޔާ އަޅުގަނޑު އެ ދާއިރާއަކަށް ކުރިމަތިލާނަން. އިރާދަކުރެއްވިއްޔާ އެކަމެއް ކާމިޔާބުކުރުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އެހެންވީމާ އަޅުގަނޑެއް ސިޔާސީ މައިދާނަކުން ގެއްލިގެންނެއް ނުދާނެ،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ލަޔާގަތާއި ގާބިލްކަން ތަންދިން މިންވަރަކުން ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ނާޒިމް ހުންނަވަނިކޮށް އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އިއްވި ޖަލު ޙުކުމް ތަންފީޒު ކުރުން ސުޕްރީމް ކޯޓުން މިހާރު ވަނީ މަޑުޖައްސާލާފައެވެ. އެމައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޭބެ

    ނާޒިމް ސޯ އަށް ވަރަށް ތާޢިދުކުރަން!! ގޯއަހެޑް ސަރ!!

  2. Miadhu

    ފައިސަލްވެސް ދިޔައީ ކާށިދޫ ދާއިރާއިން ނައިބިރައިސްކަމަށް އެހެންވެ ނާޒިމު ވިސްނާފައި އޮތީ ޖޭޕީގެ ޓިކެޓގައި ކާށިދޫ ދާއިރާއަށް ނުކުތުމަށް

  3. ބޯބުރާންތި

    މަނިކުފާނު ތީ މާލޭ ބޭފުޅެއް މާލޭގެ ދާއިރާ އަކައް ކުރިމަތި ލައްވަން ވާނީ

  4. ދދދދދ

    ކުރިމަތި ލައްވާ. ރީނދޫ ބާގަ މައިތިރި އަރުވާލާފަ ބަހައްޓަން ވާނީ. ރައީސްކަމުގަ އިބްތިގާލީ ބައިންދާ.

  5. އެލެކްސް

    ބަރުލަމާނީ އަންނާނެ ކަމުގެ އުންމީދުގައި މަޖިލިސް އަށް ވަދެވޭތޯ މަސައްކަތް ކުރަނީ

  6. عبدالله

    ގދ.ގައްދޫ ދާއިރާއަށް ކުރިމަތިލެއްވުމަށް ދަޢުވަތުއަރުވަމެވެ.