އިސްލާމިކް މިނިސްޓްރީން އިސް ކަން ދޭނީ އިލްމުވެރިންގެ ލަފައާ އެކު ދީނީ ކަންކަން ރަނގަޅުކުރުމަށް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ޒާހިރު މިހެން ވިދާޅުވީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ އިލްމްވެރިންނާ ރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް އިލްމުވެރިން ވަނީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ ފަރާތްޕުޅުން ފެނިގެން ދިޔަ ހިތްތިރިކަން ފާހަގަކުރައްވާ އެމަނިކުފާނުގެ ވަޒީރުކަމުގައި ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

އިސްލާމިކު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ބައްދަލުވުމުގައި މި ބައްދަލުވުމުގައި މިނިސްޓަރު އަލީ ޒާހިރު ވަނީ މިނިސްޓްރީގެ އެންމެ މުހިއްމު މަސައްކަތަކަށް ވާނީ ދީނީ އިލްމުވެރިންގެ ލަފާއާ އިރުޝާދާއެކު ރާއްޖޭގެ ދީނީ ކަންކަން ރަނގަޅުކުރުން ކަމަށާއި އަދި އިސްލާމިކް މިނިސްޓްރީ އަބަދުވެސް ވާނީ އިލްމްވެރިންނާ އެކުގައި ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ. އަދި އިލްމްވެރިންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން އެހީތެރިވެދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން އިލްމުވެރިން ވަނީ މިނިސްޓަރަށް ލަފާ އަރުއްވާފަ އެވެ.

އިސްލާމީ މަރުކަޒު ހޯލްގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީގެ ޕާމަންނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖެގައި މިވަގުތު ތިއްބެވި ގިނަ އަދަދެއްގެ ޢިލްމުވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓަރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޑރ. ޒާހިރު ވަނީ މިނިސްޓްރީ އާއި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މުއައްސަސާތަކުގެ މުއައްޒަފުންނާ ބައްދަލުކުރައްވާފައެވެ.