ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން 800 ގައިދީން މިނިވަން ކުރުމަށް އެގައުމުގެ ރައީސް ޝެއިހް ހަލީފާ ބިން ޒައީދް އަލް ނަހްޔާން ނިންމަވައިފިއެވެ.

ކޮންމެ އަހަރަކުވެސް، ޔޫއޭއީގެ ރައީސްގެ އަމުރުފުޅަށް އެގައުމުގެ ޖަލުތަކުގައި ތިބި ބައެއް ގައިދީންނަށް މާފުދީ މިނިވަން ކުރެއެވެ. ޔޫއޭއީގެ ރައީސް، ހަލީފާ ބިން ޒައީދް އަލް ނަހްޔާންގެ މި ނިންމެވުމަކީ، ކުއްވެރިވެފައި ތިބި މީހުންނަށް އާ ފެށުމަކުން ދިރިއުޅުމުގެ ކަންކަން ކުރިއަށްގެންގޮސް، އެމީހުންނަކީ މުޖުތަމަޢަށް ފައިދާ ކުރުވަނިވި ބައެއް ކަމުގައި ހެދުމަށް ދެވޭ ފުރުސަތެކެވެ.

ޔޫއޭއީގެ ރައީސް ހަލީފާ ބިން ޒައީދް އަލް ނަހްޔާން ވަނީ، މާފު ދީ މިނިވަންކުރުމަށް ނިންމާފައިވާ ގައިދީންގެ ޖޫރިމަނާ ފައިސާތައްވެސް ދައްކަވާފައެވެ.

ޔޫއޭއީގެ ސަރުކާރުން ބުނެފައި ވަނީ މިނިވަން ކުރާ ގައިދީންނާއި އެ ގައިދީންގެ އާއިލާއިން ރަނގަޅު ގޮތުގައި ފުރުސަތުގެ ބޭނުން ހިފާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް ކަމަށެވެ. އަދި ދޫކޮށްލެވޭ ފަރާތްތަކަކީ މުޖުތަމައަށް ބޭނުން ހިފޭނެ ބައެއް ކަމަށް އުންމީދު ކުރާ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ޔޫއޭއީގެ ރައީސް ހަލީފާ ބިން ޒައީދް އަލް ނަހްޔާންގެ ނިންމެވުމާއި އެކު، އެގައުމުގެ ކަމާއި ބެހޭ އިދާރާތަމުން މިހާރު ދަނީ ނިންމެވުމާއި އެއްގޮތަށް އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޔޫއޭއީގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހެވެ. ގައިދީން މިނިވަންކުރުމުގައި، ޖަލުތަކުގައި ހޭދަކުރި ދުވަސްތަކުގައި އަހުލާގު ރަނގަޅު ގައިދީންނަށް އިސްކަންދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު