އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ "ޓްރަައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14" ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ބައްލަވާލައްވައިފިއެވެ.

މި ތަމްރީނުތައް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ އިންޑިޔާ ސިފައިންގެ ހެލިކޮޕްޓަރެއްގައި، މި ތަމްރީނުތަކުގައި ބޭނުންކުރާ މަނަވަރަކަށް މިއަދު ހެނދުނުގެ ވަގުތެއްގައި ޒިޔާރަތްކުރައްވާފައިވެއެވެ.

މިމަހުގެ 26 ން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނުތައް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު އަދި އިންޑިއާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް ރަޖެންދްރަ ސިންހް އާއި ސްރީލަންކާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ރިއަރ އެޑްމިރަލް ސަމަންތާ ވިމަލަތުންގެވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި އެކްސަސައިޒްއަކީ ރާއްޖެއާ އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރުށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ބާއްވާ އެކްސަސައިޒެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.

މިއަހަރު ބާއްވާ މި އެކްސަސައިޒްގައި އިންޑިއާ ނޭވީގެ ދެ މަނަވަރާއި ސްރީލަންކާ ނޭވީގެ މަނަވަރެއް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވެފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2016 އޮކްޓޯބަރުގައެވެ.