މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ މި މަހު 11 އާއި 12 ގައި ދެކުނު އެފްރިކާގެ ކޭޕްޓައުންގައި އޮންނަ "އެފްރިކަން ވިމެން ސަމިޓް-23"ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މި ރޭ ފުރާވަޑައި ގަންނަވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްއިން އެކަމަނާއަށް އަލްވަދާޢު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުލްލަތީފް އާއި މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހްމަދުއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށްކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް ޙަސަން ޢާމިރު އާއި މިނިސްޓަރ ބިއުރޯގެ މިލިޓަރީ އެއިޑް ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅަކީ، އެފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ފަރާތުން ދަޢުވަތު އަރުވައިގެން އެ ކަމަނާ ކުރައްވާ ދަތުރުފުޅެކެވެ. އެ ކަމަނާއާއި އެ ކަމަނާގެ ވަފްދުގައި ހިމެނި ވަޑައިގަންނަވާ 2 ބޭފުންނަށް ސައުތް އެފްރިކާއަށް ވަޑައިގަތުމަށް ކުރައްވާ ދަތުރު ޚަރަދު ފިޔަވާ އެހެން ހުރިހާ ހަރަދެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ ސަމިޓް އޯގަނައިސް ކުރާ އޯގަނައިޒޭސޭޝަންގެ ފަރާތުންނެވެ.

މިސަމިޓަކީ، އެފްރިކާގެ ބައްރަށް ޢަމާޒުކޮށް، އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށް، އިޖްތިމާއީ، ދިފާޢީ، ސިޔާސީ، އަދި އެހެނިހެން ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ ސިލްސިލާ ސަމިޓްއެކެވެ. އަދި، މިސަމިޓްގައި، އެފްރިކާގެ ބައްރުގެ ބޭރުން، އެހެނިހެން ދާއިރާތަކާއި ރޮނގުތަކުން ފާހަގަ ކުރެވޭ އަންހެން ބޭކަނބަލުން ބައިވެރިވެ، ތަޤްރީރްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ސަމިޓްގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ދީދީ ވަނީ ސަމިޓް ގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ތަޤްރީރު ކުރައްވާ ގޮތަށް ހަމަޖެހިފައެވެ. އަދި، މީގެ އިތުރުން، މި މިސަމިޓްގެ ތަފާތު ތީމްތަކަށް ޢަމާޒުކޮށް ބޭއްވޭ ޕެނަލް ޑިސްކަޝަން ތަކުގައިވެސް މިނިސްޓަރ މާރިޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.