ރާއްޖެއަށް އާންމުކޮށް މަސްތުވާތަކެތި އެތެރެކުރަނީ އެއިޑްސް އާއި ކިޑްނީގެ ބަލިތައް ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުން ކަމަށާއި އެ މީހުން ބެލެހެއްޓުމަށް ދައުލަތުން ބޮޑެތި ހަރަދުކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖެއަށް ޑްރަގު އެތެރެކުރާ މީހުން ފޮނުވާލެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފައިވާ އިރު މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި އެ ގަވައިދު ހެދިއިރު ޑިފެންސް މިނިސްޓްރީން ސަރުކާރަށް އެއްްވެސް ލަފައެއް ދިންތޯ މާރިޔާ އާއި ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މާރިޔާ ވަނީ އެ ގަވައިދު ހެދުމުގެ ނިޔަތް ސާފުކޮށްދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އަންނަނީ ޝިފާއެއް ނެތް ބަލިތައް ހުންނަ މީހުން ކަމަށެވެ.

އޭގެ ތެރޭގައި ކިޑްނީ ފެއިލްވެފައި ތިބޭ މީހުންނާއި އެއިޑްސް ޖެހިފައި ތިބި މީހުން ހިމެނޭ ކަމަށާއި އެފަދަ އެތައް ބަޔަކު މިހާރުވެސް ޖަލުގައި އެބަތިބި ކަމަށެވެ. އަދި އެ މީހުން ބަލަހައްޓަން ޖެހެނީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ކަމަށެވެ.

"މަސްތުވާތަކެތީގެ ގާނޫނަށް ދާދި ފަހުން ގެނެވުނު އިސްލާހަކުން އެ މީހުން އަނބުރާ ކޯޓުގެ ހުކުމް ލިބުނީމަ އަނބުރާ ފޮނުވާލެވޭ ގޮތްވެސް އޮވޭ. އެހެންކަމަށްވާ އިރު އެގޮތަށް އެ މީހުން އެތައް ބައިވަރު ދުވަހަކު ޖަލުގައި ބަހައްޓާ ދެން އެ މީހުން ފޮނުވާލަން އުޅޭއިރު ދިމާވާ އެތައް ބައިވަރު ދަތިތަކެއް އޮވޭ. ގިނަ ފަހަރު އިމިގްރޭޝަން އަދި ކަސްްޓަމްސް ބޭފުޅުންވެސް ވިދާޅުވަނީ އެ ލަޔަބިލިޓީ ނަގަން ބޭނުން ނުވާތީ އެނގިހުރެއޭ ފޮނުވާލަނީ. އަދި މީނަ ދާއިރު ޑްރަގު ގެންގުޅޭ ކަމަށް ވެސް އެހެން އެނގޭ އެއްޗެހީގަ ވިއްޔާ ފޮލޯއަޕް ކުރެވިގެން އޭތި އެ ގެންދެވޭނެ ދިމާލެއް އެނގޭ ކަމަށް ވަންޏާ އެ ބޭފުޅުން އެ ދޫކޮށްލައިގެން ކޮންޓްރޯލް ޑެލިވަރީއެއް ހައްދަވާނެއޭ، އެ ނޫން ގޮތަށް އެކަން ކުރެވިގެން މި ގޮތަށް ދިވެހި ދައުލަތުން އަދި ދިވެހި ރައްޔިތުންގެ ފަރާތުން އެތައް ހަރަދެއް ކުރެވިގެން ރިމާންޑްގައި މީހުން ބަހައްޓަން ޖެހޭތީ އެކަން އެގޮތަށް ނުކުރުމަށްޓަކައި ސީދާ ފެންނަ ގޮތެއްގައި ގަވައިދެއް އޮންނަން ބޭނުންވާތީ އެކަން އެގޮތަށް ކުރެވުނީ. އެތައް ޒަމާނެއް މި ގޮތަށް ޕްރެކްޓިސް ކުރާތާ" މާރިޔާ ވިދާޅުވި އެވެ.

މަސްތުވާތަކެތި އެތެރެ ކުރާ ބޭރު މީހުން ހައްޔަރުނުކޮށް ރާއްޖެ އިން ފޮނުވާލާ ގޮތައް ގަވައިދު ހެދުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހްމަދު އަދުހަމް

    ބަލަ އެހެންވީމައޭ ބައެއްކުއްތަކަށް މަރުގެ އަދަބު އިއްވަން އިސްލާމްދީން ހުއްދަކުރަނީ. މިކަހަލަ ތަސައްރަފް ނުފުދޭ މީހުން ކިހިނެއް ގައުމު ހިންގާނީ. މިވެރިންގެ ޓާމް ނިމޭއިރު ރާއްޖޭގެ ނަންބޯޑްވެސް ފެންނާނެކަމެއް ނޭގެ

    9
    1
  2. ބަރޯ

    ދެން ކުޑަކުދިންގެ މައްސަލަ ހިމެނޭ މީހުންނާއި ބޮޑެތި ކުއްތަކަށް އަރައިގަންނަ މީހުންވެސްވެސް ޑީޕޯރޓްކުރަނީ އެއީވެސް ބަލިމީހުންކަމަށްވީމަތަ. ޢެހެނެއްނޫންވަނި އިންޑިޔާގެ ރައްޔިތެއްނަމަ ޕީޖ ވެސް ލަފާދެނީ ޑީޕޯރޓްކުރަން. މާރިޔާގެ ތި ޖަވާބުންވެސް އެނގެނީ މި ޖަރީމާތަކުގެ އަޑީގައި ތިބެގެން ސެލެކްޓިވުކޮށް އެ ދަންނަވާ ޒާތުގެ ބަލި މީހުން ހޯދާ އެމީހުންނަށް، ދިވެހި ޖަލެއްގަ ބަލިހާލަތު ހުރިގޮތުން ހުންނަން ނުޖެހޭނެކަމަށް ވިސްނަދީ އެފަދަ މީހުން ލައްވާ މިކަން ކުރުވާހެން.

  3. ވާނުވާ

    މާރިޔާ އެބުނީ ވެސް ރަނގަޅުވާހަކައެއް. ޖަލު ހުކުން ނޫން ހުކުމެއް ނާންނަ ގައުމެއްގަ ކޮންމެ ކާންދީ ބަލަހައްޓަން އެމީހުންނާ ހަވާލު ވުމުގެ ބޭނުމެއް ނެތް. އެޔަށްވުރެ ރަނގަޅުވާން އެމީހުން އަނބުރާ ފޮނުވާލިޔަސް

    1
    7
  4. ކަހުރަބު

    އެއަރޕޯރޓް ގަ ހުއްޓާ ބޮލަށް ބަޑިޖަހާ މަރާލަބަލަ ، ކޮން ޚަރަދެއް ބަރަދެކޭ ކިޔާކަށް