ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާންގެ ދައުރު އަދާކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް އިބްރާހީމް ހޫދު އައްޔަން ކުރެއްވީ އިއްޔެ އެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައެވެ.

އިބްރާހީމް ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މީގެކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޫދު ވަނީ ޚިދުމަތްކުރައްވާފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ތަފާތު ފެންވަރުގެ މަޤާމުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީކަމުގެ މަޤާމުވެސް ހޫދު ވަނީ ފުރުއްވާފައެވެ.

ހޫދު ވަނީ ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގައި ވެސް މަސައްކަތް ކުރައްވާފައެވެ.