ދިވެހި ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ޢަބްދުﷲ ޞޯދިޤު (ސޯދުބެ) އަށް ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު (ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް) އަރުވައިފިއެވެ.

ޓެކްނޮލަޖީގެ ފަސޭހަތައް ނެތް ޒަމާނެއްގައިވެސް ދަތިތަކާ އެކު ދިވެހި ނޫސްވެރިކަން ދެމެހެއްޓެވުމުގައި ކުރެއްވި މަސައްކަތްޕުޅުން ހިތްވަރު ލިބުގަންނަމުން، ބައި ގަރުނަށްވުރެ ގިނަ ދުވަހު ދިވެހި ނޫސްވެރިކަމަށް ކޮށްދެއްވާފައިވާ އަގުހުރި އަދި ގިނަގުނަ ޚިދުމަތްތައް ފާހަގަކޮށް ޝުކުރުވެރިވުމުގެ ގޮތުންނެވެ.

ޞޯދިބެއަށް ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އެވޯޑް އަރުވާފައިވަނީ، ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން މިރޭ ބޭއްވި ޚާއްޞަ ހަފްލާގައި، ނިޝާމް ގާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމްގެ އަތްޕުޅުންނެވެ.

އަތޮޅުތަކުން މާލެގެނެސް ދާރުލް އިގާމާގައި ބައިތިއްބި ކުދިންގެ ތެރޭގައި ހިމެނިވަޑައިގެން މަޖީދިއްޔާގައި ތައުލީމު ހާސިލްކުރައްވަމުން ގެންދަވަނިކޮށް ޞޯދިގު ސްކޫލުން ވަކިވާން ޖެހުނީ އަތުލިޔުން މާ ރީތިވުމުން އޭނާގެ ބޭނުން ސަރުކާރުގެ ޗާޕު ހާނާއަށް ބޮޑުވުމުންނެވެ. ޗާޕްހާނާގެ ނޫސްލިޔާ ކާތިބެއްގެ ވަޒީފާއަށް ލެއްވުމާއެކު ތައުލީމު ހާސިލްކުރުމުގެ ފުރުޞަތު އެވަގުތައް ބަންދުވީ ނަމަވެސް، ޗާޕްހާނާ ވެގެންދިޔައީ ޞޯދިގުގެ ހަޔާތަށް އުޖާލާކަން ގެނެސްދިން ތަނަކަށެވެ.

ދިވެހިރާއްޖޭގައި ނެރުނު ފުރަތަމަ ނޫސް ކަމަށްވާ "ސަރުކާރު ޚަބަރު" އިން މި ދާއިރާއަށް މީގެ ބައި ގަރުނު ކުރިން ނިކުމެވަޑައިގެން ޞޯދިގެ އެންމެ ފުރަތަމަ ފެނިވަޑައިގަތީ އަނބޮއްފުޅާއި، ދަނބޮއްފުޅުގެ ވާހަކައިން ކުޑަކުދިން ހެއްވަމުންނެވެ. އަދި ޞޯދިޤު ވަނީ "ވިޔަފާރު މިއަދު"، "މޫންލައިޓް" އަދި އެނޫންވެސް އެދުވަސްވަރު ނެރުނު ނޫސްތަކުގައި ޚަބަރު ލިޔުއްވާފައެވެ.

ނޫސްވެރިކަމުހެ ވަޒީފާ ދޫކުރެއްވުމަށްފަހު، ޞޯދިގު ދެން ފެނިވަޑައިގަތީ މުދައްރިސެއްގެ ގޮތުގައި ނަމަވެސް ނޫސްވެރިކަމަށް ޚިދުމަތް ކުރުން ހުއްޓަވާލައްވާފައެއް ނުވެއެވެ. 1 ޖަނަވަރީ 1977 ގައި ނެރެއް ފެއްޓެވި ހަވީރު ނޫހުގެ ފުރަތަމަ އެޑީޓަރަކީ ޞޯދިގަށްވާއިރު، އޭނާ ވަނީ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ ނިއުސް ރޫމުގައި މަސައްކަތް ކުރައްވާފައެވެ. އަދި އަލުން ހަވީރު ނޫހާ ގުޅިވަޑައިގަތީންސުރެ 2016 ވަނަ އަހަރު ހަވީރު ނޫސް ހުއްޓާލި ހިސާބަށްވެސް "ހަވީރު" ގައި މަސައްކަތް ކުރެއްވިއެވެ.

ހަމައެކަނި ނޫސް ލިޔއްވުމުގެ ބަދަލުގައި ޞޯދިގު ވަނީ ގިނަ އަދަދެއްގެ އަދަބީ ލިޔުއްވުމުންތައް ލިޔއްވާފައެވެ. "ފަތްތޫރަ މަޖައްލާ" އަށް އެތައް ލިޔުންތަކެއް ލިޔުއްވާފައިވާއިރު، 50 އަށްވުރެ ގިނަ ފޮތް ލިޔުއްވާ ނެރުއްވާފައިވެއެވެ. ނޫސްވެރިކަމަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 1993 ނޫސްވެރިކަން ދެމެހެއްޓުމުގެ ރަން ގަލަންވެސް އޭރުގެ ސަރުކާރުން ވަނީ ޞޯދިގަށް އަރުވާފައެވެ.

ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ޢަބްދުﷲ ޞޯދިޤު (ސޯދުބެ) އަށް އަރުވާފައިވާއިރު، ވޭތުވެދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔަކަށް ހޮވިފައިވަނީ "ކުޅުދުއްފުށީ އޮންލައިން" އިން ނޫސްވެރިކަމަށް ނުކުމެވަޑައިގެން، "ވަގުތު" ނޫހުން ވިދާލި، އަދި މިހާރު "އަވަސް" ނޫހުގައި އެސިސްޓަންޓް އެޑިޓަރެއްގެ މަޤާމު ފުރުއްވަމުން ގެންދަވާ ނާޒިމް ހަސަންއެވެ.

ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއިން ވޭތުވެދިޔަ އަހަރު އެންމެ މޮޅު ނޫސްވެރިޔަކަށް ހަވީރު އޮންލައިނާއި މިހާރު އޮންލައިން އަދި ރާއްޖެ ޓީވީގައި ކުރިން މަސައްކަތް ކުރި އަދި މިހާރު ރައީސް އޮފީހުގައިމަސައްކަތް ކުރައްވަމުން ގެންދަވާ މުޙައްމަދު ޝަރުހާން ހޮވުނުއިރު، އެންމެ މޮޅު ވީޑިއޯ ޖަރނަލިސްޓްގެ އެވޯޑް ހާސިލް ކޮށްފައިވަނީ ޗެނަލް ތޭރައިގެ ހީވާގި ވީޑިއޯ ޖަރނަލިސްޓް އައިމިނަތު ލަޔާލް މަނިކެވެ.

އިޖުތިމާއީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ސަން އޮންލައިން އިން ވިދާލި އަދި މިހާރު "މިހާރު" ނޫހުގައި މަސައްކަތް ކުރައްވަމުން އަނަން ޒުވާން ނޫސްވެރިޔާ އަޙްމަދު ސާއިލް ޢަލީ ހޮވުނުއިރު، ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން އެންމެ ނޫސްވެރިޔަކަށް ހޮވިފައިވަނީ މިހާރު ނޫހުގެ މުއިއްޒު އިބްރާހީމްއެވެ. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރު ނޫހުގެ ޢަބްދުﷲ ޖަމީލް ހޮވިފައިވާއިރު، ސިޔާސީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވިފައިވަނީ އަވަސް އޮންލައިންގެ މޫސާ ރަޝީދެވެ.

ފީޗާ ލިޔުމުގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރު ނޫހުގެ އައިމިނަތު ޝިފްލީން ހޮވުނުއިރު، މާރކްސް އެއްވަރުވުމުގެ ސަބަބުން ކުޅިވަރުގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް 2 ނޫސްވެރިޔަކަށް އަރުވާފައިވެއެވެ. އެއީ އަވަސް އޮންލައިންގެ ހުސައިން ހަބީބް އަދި މިހާރު ނޫހުގެ އައްޒާމް އަލިފުޅެވެ.

މިރޭގެ ހަފްލާގައި ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމާއި، ނޫސްވެރިކަމުގެ އެވޯޑްތަކުގެ އިތުރުން، އަށް ބޭފުޅަކަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން އަދި ނޫސްވެރިކަމުގެ ރަން ގަލަން ނުވަ ބޭފުޅަކަށް އަރުވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާޖަރާ

    ލިޔުންތެރިކަމުން ވަނަވަނައަށް ހޮވާފަތިތިބީ މުޅިންވެސް މީހުންގެޢަބުރު ކަތިލާލާ މީހުންނެވެ. މިއީ މުޅިންވެސް އެބާވަތުގެ ލިޔުންތައް ލިޔެ ޝާއިޢުކުރާ ނޫސްތަކެވެ.

  2. ޖޮއްބެ

    ސޯދުބޭބެ އަކީ މީހުންގެ އަބުރު ކަތިލާ ހެދިމީހެއްނޫން. އެއީ ކިޔަވާކުދިން ނަމޫނާއެއްގެ ގޮތުގައިދެކޭ ހިތްހެޔޮ މަޑުމައިތިރި ސަރ އެއް.