ރޭ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުމެ ކުރިއަށް ގެންދިޔަ މުޒާހަރާ އިން ހައްޔަރުކޮށްފައި ވަނީ 15 މީހުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރޭ މަޖީދީމަގަށް ނިކުމެ ހިއްގި މުޒާހަރާއަކީ މި ސަރުކާރު ވައްޓާލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކަމެއް ކަމަށާއި އެފަރާތްތަކުން ވަނީ ފުލުހުންނާއި އާންމު ފަރުދުންގެ ތަކެއްޗަށް ގެއްލުން ދީފައި ކަމަށެވެ.

އަދި ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ފުލުހުންގެ ގަޔަށް ކަޅުތެޔޮ ވެސް ވަނީ ޖަހާފައި ކަމަށާއި ފުލުހުންނަށް ޙަމަލާ ދިނުމަށްޓަކައި މުޒާހަރާގެ ބައިވެރިން ތައްޔާރުކޮށްފައި ހުރި 105 މިރުސް ފެން ޕެކެޓްވެސް ފުލުހުން ވަނީ އަތުލައިގެންފައި ކަމަށް އިނގިރޭސި ބަހުން ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ މުޒާހަރާގެ ތެރެއިން މައްޗަންގޮޅި އުތުރު މެމްބަރު މާރިޔާ އަހުމަދު ދީދީއާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއާއި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

މަޖީދީމަގުގައި މުޒާހަރާ ކުރާތީ އެމަގުގައި ދިރިއުޅޭ ފަރާތްތަކުގެ ޝަކުރާ ލިބެމުން އަންނަ ކަމަށާއި ގާނޫނީ ގޮތުން ރާއްޖޭގައި ހޮވިފައިހުރި ވެރިއެއް ވައްޓާލުމުގެ ގޮތުން މުޒާހަރާކޮށް އާންމުންގެ ތަކެއްޗަށް ގެއްލުންވާ ގޮތަށް އަމަލު ނުކުރުމަށް ފުލުހުން ވަނީ އެދިފައި އެވެ.