ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމު ނުވަތަ މައުމޫން ރިފޯމް މޫވްމަންޓްގެ ތާއީދު ހޯދުމަށް 80 ދާއިރާއަކަށް 180 މީހުން ހުށަހެޅިކަމަށް އެމްއާރްއެމް އިން ބުނެފިއެވެ.

އެމްއާރްއެމްގެ ފަރާތުން ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިންތިޚާބުގައި ވާދަކުރުމަށް އެމްއާރްއެމްގެ ތާއީދު ހޯދުމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއު ކުރުމުގެ ކަންކަން ކުރަމުން އަންކަމަށެވެ. އަދި 80 ދާއިރާއަށް މީހުން ޝައުގުވެރިކަން ފާޅު ކުރިކަމުގައިވިޔަސް، މި ހުރިހާ ދާއިރާއަކަށް ކުރިމަތިލެވޭނެކަން ބުނަން ނޭނގޭކަމަށެވެ.

ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ، މައުމޫނާ އެއްކޮޅަށް ނިމިއްޖެކަމުގައިވާނަމަ އެމްއާރްއެމް އިން ޕީޕީއެމްގެ ނަމުގައި ވާދަ ކުރަން ނިންމާފައިވާކަމަށްވެސް ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރި 80 ދާއިރާއަށް ކުރުމަތި ލެވޭނެކަން ނޭނގެނީ، އެއީ ކޯލިޝަންގެ ބައިވެރިއެއްކަމުން، ކޯލިޝަންގެ ބައިވެރިވުމުގެ އިންސައްތައާ އެއްގޮތްވާ ގޮތުގެ މަތިން ގޮނޑިތައް ބަހަން ޖެހިދާނެތީއެވެ.

ކޯލިޝަންގެ އެހެން ޕާޓީތަކުގެ ފަރާތުނ މަޖިލީހަށް ކުރިމަތިލާނެކަން، އެކި ފަރާތްތަކުން ދަނީ އިއުލާން ކުރަމުންނެވެ.