ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމައިފިއެވެ.

އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ފޮނަދޫ ދާއިރާ އަށް ވާދަކުރައްވާނީ ރައީސް ޔާމީންގެ ތާއީދާއި އެކު ކަމަށެވެ.

މިހާރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ހުންނެވި އަދުރޭ ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވާނެ ކަން މިއުލާން ކުރެއްވީ އެމްޑީޕީ ޕްރައިމަރީގައި ވޯޓް ލާން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ. ފޮނަދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ޤާނޫނީ ވަކީލް މޫސާ ސިރާޖު ވަނީ އަދުރޭ ފޮނަދޫ ދާއިރާއަށް ވާދަކުރައްވާނެ ކަން އިއުލާން ނުކުރައްވަނީ އޭނާ އާއި ވާދަކުރަން ޖެހިދާނެތީ ކަމަށް ވިދާޅުވެފައެވެ. ސިރާޖު ކުރިން ވިދާޅުވީ އަދުރޭ ގޮތެއް ނިންމަވާނީ އެމްޑީޕީ ޕްރައިމަރީ ނިމުމުން ކަމަށެވެ.

އަދުރޭ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ފުރަތަމަ އިންތިޚާބުވެ ވަޑައިގެންނެވީ 2009 ވަނަ އަހަރު ޕީޕަލް އެލަޖަންސް (ޕީއޭ) ގެ މެންބަރެއްގެ ގޮތުގައެވެ. ޕީޕީއެމް އުފެއްދުމަށް އޭނާ ޕީޕީއެމް އަށް ސޮއި ކުރައްވާ އެޕާޓީގެ ޓިކެޓްގައި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ވެސް ކާމިޔާބު ކުރެއްވިއެވެ.

އަދުރޭ ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާއަށް ނިކުންނަވާއިރު ކުރީގެ ރައީސް މައުމޫންގެ ފަރާތުން ވެސް ފޮނަދޫ ދާއިރާއަށް "ވަރުގަދަ ކެންޑިޑޭޓެއް" ނެރޭނެ ކަމަށް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެއެވެ.