ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި މިފްކޯގެ މެނޭޖިން ޑައިރެކްޓަރ އިސްމާއިލް ފައުޒީ ގއ.ކޮލަމާފުޓަށް ވަޑައިގެން އެރަށުގެ މަސްވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.

ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި މިނިސްޓަރ ޒަހާ ވަނީ މަސްވެރި އާއިލާއެއް ދިރިއުޅޭ ކޮލަމާފުށީގެ މަސްވެރިންގެ ކަންބޮޑުވުންތަށް ވަރަށް ގާތުން އަޑު އައްސަވައި މަސްވެރިންގެ ކަންބޮޑުވުންތަށް ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބުމުގެ ޝަކުވާއަކީ މަސްވެރިން އަބަދުވެސް ކުރާ އެއް ޝަކުވާއެވެ. ދެކުނުގެ އަތޮޅުތަކުގެ މަސްވެރިން ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް މަސް ކިރުވުމުން މިހާތަނަށް ނުދީ ހުރި ފައިސާ އެ ކުންފުނިން މަސްވެރިންނަށް މިހާރު ވަނީ ދޫކުރަން ފަށައިފައެވެ.

ރާއްޖޭގައި ޒަމާނީ މަސްވެރިކަން ކުރިއެރުވުމަށް މަސްވެރިކަމާ ބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލައި މުރާޖައާ ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ އިރު ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއިން މަސްވެރިންނަށް ކޮށްދިނުމަށް ގިނަ ކަންތަތަކެއް ހާމަ ކޮށްފައެވެ.

އެގޮތުން މަސްވެރިންނަށް ހެޔޮ އަގުގައި ޑީސަލް ގަންނަން ލިބޭނެ ގޮތް ހެދުމާއި މަސްވެރިންނަށް ބޭންކިން ނިޒާމެއްގެ ތެރެއަށް ވަދެވޭނޭ މަގު ތަނަވަސްކޮށްދެއްވުމާއި މަސްދޯނި އެކައުންޓް ހުޅުވައި މަސް ގަންނަ ކުންފުނިތަކަށް ފައިސާ ދޫކުރުމުގެ އިންތިޒާމު ގާއިމު ކުރުމާއި އެނިޒާމުގެ ތެރެއިން ބޭންކް ލޯނާއި އަދި ކްރެޑިޓް ސްކީމްތަކުގައި މަސްވެރިންނަށް ބައިވެރި ވެވޭނެ ގޮތް ވެސް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އައިސް ހޯދުމަށް މިހާރުވެސް ދަތިތަށް ނައްތާލައި އައިސް ގަތުމަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްފިނިކުރާ ނިޒާމުތައް ދޯނި ފަހަރަުގައި ގާއިމް ކުރުމާއި މަސްވެރިންނަށް ލުއި ލޯނުތައް ވެސް ދޫކުރުމަށް ވަނީ ނިންމާފައެވެ.