ދިވެހި ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ޓެކްސް ނެގުން ހުއްޓާލާނޭ ކަމުގެ ފެހި ސިގްނަލް ލިބިއްޖެ އެވެ.

ސަރުކާރުން މިކަން ހާމަކޮށްފަިއވަނީ ރާއްޖެއާއި އީޔޫއާ ދެމެދު އިއްޔެ ކުރިއަށްދިޔަ ރަސްމީ މަޝްވަރާތަކުގެ ހަތަރުވަނަ ސެޝަނަށްފަހު ނެރުނު ޖޮއިންޓް ނޫސްބަޔާނުގައެވެ.

އެ ބަޔާނުގައި ސަރުކާރުން ބުނެފައިވަނީ އިއްޔެގެ ބައްދަލުވުމުގައި އީޔޫއިން ވަނީ ރާއްޖެއިން މިދިޔަ އަހަރު އޮގަނައިޒޭޝަން އޮފް އެފްރިކަން، ކެރިބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)އާ ގުޅުމުން އެކަމަށް މަރުހަބާ ކިޔާފައި ކަމަށެވެ. އަދި އީޔޫ އާއި އޯއޭސީޕީއެސްއާ ދެމެދު ދާދިފަހުން ސޮއިކުރި އާ އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވެފައިވާތީ އެކަމަށް ވެސް މަރުހަބާ ކިޔާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން އޯއޭސީޕީއެސްގެ އީސްޓާން އެންޑް ސަދާން އެފްރިކަން ގްރޫޕާއެކު އީޔޫ އިން ހަދާފައިވާ އިންޓަރިމް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމަންޓުގައި ރާއްޖެއިން ބައިވެރިވުމަށް މަގުފަހިވެގެންދާނެކަމަށް ވެސް އެ ބައްދަލުވުމުގައި ފާހަގަކޮށްފައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އެ އިންޓަރިމް އިކޮނޮމިކް ޕާޓްނާޝިޕް އެގްރިމަންޓުގައި ރާއްޖެއިން ބައިވެރިވުމާއެކު، ރާއްޖޭގެ މަހުގެ އުފެއްދުންތައް އިތުރު ޓެކުހެއް ނެގުމަކާ ނުލައި އީޔޫގެ ބާޒާރަށް އެތެރެކުރެވޭނެ ކަމަށެވެ. ރާއްޖެއިން މިއެގްރީމަންޓުގައި ބައިވެރިވުމާއި ގުޅޭގޮތުން މަސައްކަތް ކުރަމުންދާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ރާއްޖެއާއި އީޔޫގެ އިސް އޮފިޝަލުންގެ މެދުގައި ބާއްވާ މަޝްވަރާތަކަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މި އަހަރުގެ ސީނިއާ އޮފިޝަލުންގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ފޯ އޭޝިއާ އެންޑް ޕެސިފިކް، ޕައޯލާ ޕަމްޕަލޯނީ އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. މި އަހަރުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރުސެލްސްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜައްޔިތުމީހާ

    ޔޫރަޕިއަންޔޫނިއަންއިން އެބައޮތްބުނެފަ ރާއްޖެއައް މިކަމުގުގަލުއިދިނުމައް ހުށައަޅާފަވާ ސަރުތުތައް ދީނީމިނިވަންކަންދިނުން، އެއްޖިންސުންގުޅުންހިންގުމުގެ މިނިވަންކަންދިނުން މިދެކަންތަކަކީ އަބަދުވެސް އެމީހުން އެންމެބޮޑައް ބާރުއަޅާ 2ކަންތައް ސުވާލަކީ ސަރުކާރުން މިކަމައްއެއްބަސްވީތޯ؟

  2. އަޅާ

    ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުން ޓެކްސް ނެގުން ހުއްޓާލާނެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެ، ދިވެހި ރައްޔިތުންނޭ އަނެއްކާވެސް މިލައިގަންނަނީ ބޮޑު ކަންތަށް ގަނޑަކާއި. އިންޑިޔާއާއި އެކީ އަޑި ނޭގޭ އެތަކެއް ޑީލްތަކެއް ހަދައި ނިންމައިފި، ގައުމާއި ރައްޔިތުންގެ ހައްގުގަޔޯ އެހުރިހައިކަމެއްކުރީ، އެކަމަކީ އެއިން އެއްބަސް ވުމެއް ރައްޔިތުންނަށް ދައްކައިލުމަކީ ހަރާންކަމެކޯ، ރައްޔިތު މީހާއަށް އެއިން އެއްޗެއް ފެނިއްޖެޔާމު ކާޑަށް ޖެހި ރައްޔިތުން ބަނޑަށް މަރުވެދާނެޔޯ.
    ދެން މިހާރު ޔޫރަޕާއި އެކީ މަސް އެކްސްޕޯޓްކުރަން އެއްބަސްވުން ހަދަނީ، އަހަރެމެން ބޭނުން ރަނގަޅު އަގުގައި މަސް އެކްސްޕޯޓް ކުރަން، އެކަމަކު އެމީހުން މީގެ ކުރިން ކޮށްފައި ހުރި ޝަރުތުތަށް އެއީ އެއްބަސް ވެވެން އޮތްކަންތަކެއްނޫން.
    ރައްޔިތުންނޭ، ރައީސް އިބްރާހީމް ގެ ކަންތަށް މިހުންނަގޮތަށް ބަލާއިރު މިއެއްބަސްވުން ރައްޔިތުންނަށް ދެއްކުން އެއީ ގައުމީ ސަލާމަތަށް ނުރައްކަލަކަށްވާނެ ކަމަށް ބުނެފިއްޔާމު އެއޮތީ ގޯސްހަދާފައި، ދީނީ މިނިވަންކަމާއި، އެއްޖިންސުން ގުޅުން ހިންގަން އެއޮތީ ރުހި ގަބޫލުވެފައި.