ކޮކާކޯލާއާއި ޓީއެފްޖީ ގުޅިގެން ބާއްވާ " ކޮކާކޯލާ ލޯންގް ރަން 2019", ލޯންޗް ކޮށްފިއެވެ.

އެކަމަށް ޚާއްޞަކުރެވިގެން މިއަދު ހަވީރު، މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި، އެކަން އިފްތިތާޙުކޮށްދެއްވީ އެމް.އެމް.ޕީ.އާރު.ސީ ގެ މެނޭޖިންގ ޑިރެކްޓަރ، ޠައްޔިބު މުޙައްމަދެވެ.

ކޯކާކޯލާ ލޯންގް ރަންއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޠައްޔިބު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މިފަދަ ދުވުންތައް އަތޮޅުތެރެއަށްވެސް ގެންދާނެ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިކަން ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޓުއަރިޒަމް ކުރިއެރުވުމަށްވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް ޠައްޔިބު ވިދާޅުވިއެވެ.

ކޮކާ ކޯލާ ލޯންގް ރަން އިފްތިތާހު ކުރުމުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

މިއަދުގެ ރަސްމިއްޔާތުގައި މި ދުވުން އިންތިޒާމު ކުރައްވާ ފަރާތުންވެސް ވާހަކަޅުޅު ދެއްކެވިއެވެ. އެގޮތުން، ވޭތުވެދިޔަ 3 އަހަރުވެސް މިކަން ވަރަށް ކާމިޔާބު ކަމާއިއެކު ކުރެވިފައިވާކަން ފާހަގަކޮށް، ކޮންމެ ދުވުމެއްގައިވެސް ޤަވާއިދުން ބައިވެރިވާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ، ކޮކާކޯލާއިން އިންތިޒާމުކޮށްގެން ބާއްވާ ދުވުންތަކުގައި ޤަވާއިދުން ބައިވެރިވެ، އެ ދުވުންތަކުގައި ފާހަގަކޮށްލެވޭ 32 ފަރާތަކަށް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި ހުޅުމާލެ، އައްޑޫ، ލާމު ،މި ތިން ސަރަހައްދުގައި ބޭއްވި ދިގު ދުވުންތަކުގައި ފާހަކަކޮށްލެވުނު ތިން ފަރާތަކަށްވެސް މިއަދުގެ ރައްމިއްޔާތުގައި ހަނދާނީ ލިޔުން ހަވާލުކުރިއެވެ.

ކޮކާ ކޯލާ ލޯންގް ރަން އިފްތިތާހު ކުރުމުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

ތަފާތު ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައެވެ. ކޮކާކޯލާ އާއި ޓީ.އެފް.ޖީ ގުޅިގެން ބާއްވާ މި ދުވުން ބާއްވާނެ ރަނގަޅު ސަރަހައްދެއް ހޯދުމާއި ގުޅޭގޮތުން ސަރުކާރާއި އެކު މަޝްވަރާ ކުރަމުން އަންނަކަމަށް މިކަން އިންތިޒާމު ކުރާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.