ޢަޤީދާއަކީ އީމާންކަމުގެ އަސާސްކަމަށާއި، އިސްލާމްދީން ބިނާގެންވަނީ ޢަޤީދާ އާއި ޢަމަލުތަކުގެ މައްޗަށްކަމަށް މިއަދު ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"އިސްލާމީ ޞައްޙަ ޢަޤީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ. އިސްލާމް ދީން ބިނާވެގެންވަނީ ޢަޤީދާ އާއި ޢަމަލުގެ މައްޗަށެވެ. ޢަޤީދާ ޞައްޙަނުވެ އެއްވެސް ޢަމަލެއް ޞައްޙައެއް ނުވާނެއެވެ. ހަމަ އެފަދައިން ޞައްޙަ ޢަޤީދާ އަކާއި ނުލައި ކުރާ އެއްވެސް ޢަމަލަކުން މަންފާ އެއް ނުކުރާނެއެވެ. މިހެން ކަމުން ދަރިވަރުންނަށް ޞައްޙަ ޢަޤީދާގެ މަޢުލޫމާތު އުނގަންނައި ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްމާލީ ރަނގަޅު ޢަޤީދާގެ ސަބަބުން އިންސާނާއަށް މެދުވެރިވާ ކަންތައްތަކުގައި ކަންބޮޑުވުމާއި، ހިތް ނުތަނަވަސްކަމާއި، މާޔޫސްވުން ފަދަ ކަންތައްތަކުން ސަލާމަތް ކޮށްދޭ ކަމަށާއި، މީހަކު ޞައްޙަ ރަނގަޅު ޢަޤީދާއެއްގެ ވެރިއަކަށް ނުވާނަމަ، އެމީހަކަށް ނަފްސާނީ މައްސަލަތައް ކުރިމަތިވެ، ހިތްހަމަޖެހުން ލިބުމަކީ ވަރަށް ނާދިރު ކަމެއްކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ.

ހަމައެހެންމެ، ފުރިހަމައަށް އީމާން ނުވެވޭނަމަ ނުވަތަ ޤަޟާ ޤަދަރަށް އީމާން ނުވާ މީހުން އަބަދުވެސް ބަލާނީ އެމީހުންގެ އަމިއްލަ މަޞްލަޙަތަށް ކަމަށާއި، އެގޮތަށް ޢަމަލުކުރުމަކީ އެހެން މީހުންނަށް ގެއްލުން ލިބޭ ކަމެއްކަމުގައިވީ ނަމަވެސް އެއްވެސް ފަރުލާވެއް ނުބަހައްޓާނެ ކަމަށް މިއަދު ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ.

"އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ ވަރުގަދައަށް ބިންވަޅުނެގިފައި ނުވާނަމަ، އެ ދަރިން އިސްލާމު ދީނާއި ޚިލާފު އެކިއެކި އޮއިވަރުތަކުގައި ޖެހި، ޙައްޤު މަގުން އެއްކިބާވެގެން ދިއުމަކީ ދާދި ގާތުގަިއ ވާ ކަމެކެވެ." މިއަދު ގެ ޚުޠުބާގައި ވިދާޅުވިއެވެ.