ރޭ ހައްޔަރު ކުރި ރާއްޖެޓީވީގެ ނޫސްވެރިން މިނިވަން ކުރުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފިއެވެ.

ރޭ ހައްޔަރު ކޮށްފައި ވަނީ ރާއްޖެޓީވީ ތިން މުވައްޒަފުން ކަމަށްވާ މުހައްމަދު ފަޒީން، މުހައްމަދު ވިސާމް އަދި އާމިރު ސަލީމްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ޔުނިފޯމުގައި ބަޔަކު އިންޒާރުދީ އާންމު ކުރި ވީޑިއޯއާއި ގުޅިގެންނެވެ.

ރޭ ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް އިން ކުރި ޓުވީޓެއްގައި ވަނީ އެ ތިން މުވައްޒަފުން ދޫކޮށްލަން ގޮވާލާފައެވެ. އަދި އެ ޖަމިއްޔާގެ ޑެޕިއުޓީ އެގްސެކެޓިވް ޑައިރެކްޓާ ރޮބާޓް މެހޮނޭގެ ބަހެއް ހިމެނޭ ޓްވީޓެއްވެސް ވަނީ ކޮށްފައެވެ.

އެ ޓްވީޓުގައި ބުނެފައި ވަނީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ރައްޔިތުންނަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިވެހި ސަރުކާރުން ދޭންޖެހޭނެ ކަމަށާއި އެއްވުންތައް ކަވަރު ކުރަން ދިވެހި ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ސެންސަރު ކުރުން ހުއްޓަން ޖެހޭ ކަމަށެވެ.

ރޭ ހައްޔަރު ކުރި ނޫސްވެރިންގެ ތެރެއިން މުހައްމަދު ފަޒީން ހައްޔަރު ކުރީ މުޒާހަރާ ކަވަރު ކުރަން ހުއްޓައެވެ. އަދި އާމިރު ސަލީމް ހައްޔަރު ކުރީ ރާއްޖެޓީވީ ހެޑް އޮފީސް ކައިރީގައި ހުއްޓައެވެ. ނަމަވެސް ވިސާމް ހައްޔަރު ކުރީ ކޮންތަނަކުން ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސްނާ

    މި ޤައުމުގަ މިނިބަންކަމޭކިާފަ ފިތުނަ އުފަށްދާކަށް ޖާގައެއް ނުދެވޭނެ.

  2. އިންތި

    ވިސާމު ހައްޔަރުކުރީ ގެއެއްގެ ފާޚާނާތެރެއިން

  3. ހުސޭނުބޭ

    ނުޖެހޭ ދޫކޮށްލާކަށް. ނޫސްވެރިއަކަށް ވުމަކީ ޖިނާއީ ކުށްތައް ކުރުމަށް ލައިސަންސް ލިބުމެއްނޫން.