ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭ ގޮތް ހަދަން އެމްޑީޕީގެ ޕްރައިމަރީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރު ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ޖާބިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވެސް މި ކަން ކަށަވަރު ކޮށްދީފައިވާއިރު އެ ޓުވީޓުގައި ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަތުރުތަށް ގާނޫނު އަސާސީގައި ކަޅާއި ހުދުން ލިޔެވިފައިވާކަމަށާއި ސިޔާސީ ޕާޓީތަކުގައި ގާނޫނު އަސާސީއާއި ހިލާފަށް އިތުރުކޮށްފައިވާ މާއްދާ އުވާލައި، ޕްރައިމަރީން ބަލިވާ ފަރާތްތަކަށްވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލެވޭނެ ގޮތް ހެދުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީން އަބްދުﷲ ޖާބިރު ނާކާމިޔާބުވިއިރު އަނބިކަނބަލުން ދިޔާނާ ސައީދަށް ވެސް ވަނީ ލަތުވެތިގޮތަކަށް ވިލިގިލީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ނާކަމިޔާބުވެފައެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ކާށިދޫ ދާއިރާގެ މެންބަރުކަން ކުރެއްވިއެވެ. އެހެންނަމަވެސް، މުޅި ދައުރު އެއްކޮށް މެންބަރުކަން ނުކުރައްވައެވެ. އޭނާ އެދާއިރާގެ ގޮނޑި ހޯއްދެވީ ބައި-އިލެކްޝަން އެއް ކާމިޔާބު ކުރައްވައިގެންނެވެ. ޖާބިރު ވިދާޅުވެފައިވަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ ޕްރައިމަރީގެ ތެރެއިން ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާކަމުގައެވެ.

މިކަމުގެ ސަބަބުން އޭނާ ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، މި އޮޅުވާލުންތައް ހިންގާފައި ނުވާނަމަ އޭނާއަށް ޕްރައިމަރީ ކާމިޔާބު ކުރެއްވުނީސްކަމަށް ދެކެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު