އަންނަ އެޕްރީލް މަހު މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް އެމްޑީޕީން ހުށަހެޅި 86 ފޯމްގެ ތެރެއިން އިލެކްޝަން ކޮމިޝަން (އީސީ) އިން ބަލައި ނުގަތް ފަސް ފޯމެއްގެ މައުލޫމާތުތައް ފުރިހަމަކޮށް އީސީއަށް އަލުން ހުށަހަޅއިފިއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، ފަސް ފޯމެއްގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހަޅާފައިވާ ކަމަށެވެ.

"ފަސް ފޯމެއްގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އަލުން ވަނީ ހުށައަޅާފައި, ބާކީ ހުރި ފޯމްތައް ވެސް ވަރަށް އަވަހަށް ހުށަހަޅާނެ" އަފްޝާން ވިދާޅުވިއެވެ.

އެމްޑީޕީގެ 10 ފޯމް އިލެކްޝަން ކޮމިޝަނުން ބަލައިގެންފައެއް ނުވެ އެވެ. އެފޯމްތައް ބަލައިނުގަތުމަށް އީސީ އިން ނިންމީ، ބޭނުންވާ ބައެއް މައުލޫމާތު ހަމަނުވާތީ އެވެ.

އެމްޑީޕީގެ 10 ކެންޑިޑޭޓެއްގެ ފޯމް ބަލައިގަނެފައިނުވާއިރު އެއީ ކޮން 10 ކެންޑިޑޭޓުންނެއް ކަމެއް އެޕާޓީންވެސް ހާމަކޮށްފައެއް ނުވެއެވެ. އަނެއް 76 ފޯމް ބަލައިގަތުމަށްފަހު ފޯމް ބަލައިގެންފައިވާކަން އެ ކެންޑިޑޭޓުންނަށް މިހާރު ވަނީ އަންގާފަ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންްގެ ފޯމްތައް މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައިވާއިރު ގާނޫނުގައިވާ ގޮތުން މަޖިލީހުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އެ ފޯމްގެ ސައްހަކަން ބަލައި އެފަރާތަށް އަންގަންޖެހޭނެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 06 ވަނަ ދުވަހު އެވެ. އިންތިޚާބަށް ހުރިހާ ޕާޓީތަކަކުން ވެސް ގެންދަނީ ތައްޔާރީތައް ވަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ކުރިމަތިލާނެ ދާއިރާތައް ފައިނަލްވެ ރަސްމީކޮށް ކެމްޕޭން ފަށާފައި ވަނީ އެމްޑީޕީން އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ރައްޔިތުން ލޮލުގައަޅާ އަނދުނެއް، ކާކު ގަބޫލުކުރާނީ އެމްޑީޕީ ބައިގަނޑު އީސީއަށްލީފޯމު ބަލައިގަތޭބުނީމަ،؟؟ އީސީއަކީ އެމްޑީޕީ ބޮޑު ފައިސާފުންޏެއް ދީފައި ގަނެފައިވާ އެމީހުންގެ ފެކްޝަނަކަށްވާއިރު،